ރަސްމީ ހުއްދައެއް ނެތި ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ވަނުމަށް މަސައްކަތްކުރަނިކޮށް ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް 269،000 އަށްވުރެ ގިނަ މީހުން ހުއްޓުވާފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.
މިކަން ހާމަކުރަމުން ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ، ޙުއްދަނެތި ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ މީހުންގެ އިތުރުން ބޭރު ޤައުމުތަކަށް ނިސްބަތްވާ މީހުން ވެސް މަސައްކަތްކުރާ ކަމަށެވެ. އެހެންކަމުން މިފަދަ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ މި ދެބައި މީހުންނަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކޮންމެ އަހަރަކުވެސް ޙައްޖު މޫސުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މުސްލިމުންނެއް ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރެއެވެ. ޤަވާއިދާ ޚިލާފަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް މަސައްކަތްކުރާ މީހުން ހިފެހެއްޓުމުގެ މައިގަނޑު އެއް ބޭނުމަކީ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ތޮއްޖެހުން ފަދަ ކަންކަން ހިނގުން ހުއްޓުވުމެވެ.
ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން އިންޒާރު ދީފައިވަނީ، ޤަވާއިދާ ޚިލާފަށް ޙައްޖުގެ އަޅުކަން އަދާކުރަން މަސައްކަތްކުރާ މީހުން 5000 އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމަށާއި ވަކި މުއްދަތެއް ވަންދެން ސަޢުދީ ޢަރަބިއްޔާއަށް އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާއިން ބުނެފައިވަނީ ޙައްޖާ ގުޅޭ ޤަވާއިދުތަކަށް ބޯނުލެނބުމުގެ ސަބަބުން އެ ޤައުމުގައި ދިރިއުޅޭ 23،000 މީހަކާ ދެކޮޅަށް މިހާތަނަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ޙައްޖުގެ ޚިދުމަތްތައް ފޯރުކޮށްދޭ 400 ކުންފުންޏަކަށް ދޫކޮށްފައިވާ ލައިސަންސު ހިފަހައްޓާފައިވާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް