ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިޓަލީ ވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް، ސަރޖިއޯ މަޓަރެއްލާއަށާއި ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް، ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
އިޓަލީ ވިލާތުގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސް ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި، އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި އިޓަލީ ވިލާތުގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.
ރައީސް އިޓަލީ ވިލާތުގެ ރައީސަށް ފޮނުއްވި މެސެޖުގައި، ފާއިތުވި ދުވަސްތަކުގައި، ޚާއްޞަކޮށް ފަތުރުވެރިކަމާއި، ސަގާފަތާއި އަދި ތަޢުލީމީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިމަގުގައި ރައީސް މަޓަރެއްލާއާ އެކުގައި ގާތުން މަސައްކަތްކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޝައުޤުވެރިވާ ކަމުގައިވެސް ހާމަކުރައްވާފައިވެއެވެ.
އިޓަލީ ވިލާތުގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި މެސެޖުގައި، 1966 ވަނަ އަހަރު ދިވެހިރާއްޖެއާއި އިޓަލީ ވިލާތާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިފަހުން މިއަދާއިހަމައަށް އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގައި އިޓަލީ ވިލާތުން އަދާކުރި މުހިންމު ދައުރަށް އިޝާރާތްކުރައްވައި، ރައީސް ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ފަސް ޓޫރިސްޓް މާކެޓުގެ ތެރޭގައި އެޤައުމު ހިމެނޭކަން ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުގައިވެސް ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ޕޯސްޓެއް ހިއްސާކުރައްވާފައެވެ. މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޓަލީ ވިލާތުގެ ޖުމްހޫރީ ދުވަސް ރަމްޒުކޮށްދެނީ ޤައުމުގެ ރައްޔިތުން މިނިވަންކަމާއި އިންސާފަށްޓަކައި ކުރި މަސައްކަތް ކަމަށާއި، އެ ޑިމޮކްރެޓިކް އުސޫލުތައް މިއަދާ ހަމައަށްވެސް ދެމިގެންދިޔަކަމީ އުފާކުރައްވާ ކަމެއް ކަމުގައި ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް