މިއަދު ހުޅުއްވައިދެއްވި މ. މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓެއްގެ ގޮތުގައި ވެގެންދާނޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މ. މުލީ އެއާރޕޯޓް ހުޅުވުމާއެކު، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވޭ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރުންވެފައިވާ ވަޢުދު، މުލަކު އަތޮޅުގައި މި ވަނީ ފުއްދަވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ޚާއްޞަކޮށްގެން އެ އެއާޕޯޓްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައެވެ.
މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، މުލީގެ ތަރައްޤީއަށް، އެތައް ދާއިރާއަކުން ކުރިއެރުން ހޯދޭނެ ދޮރޯއްޓަކަށް މުލީ އެއާޕޯޓްވާނެ ކަމުގައި ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، އިޤްތިޞާދީ ކުރިއެރުން ހޯދައިދެނިވި ދޮރޯއްޓެއް ކަމުގައި މުލީ އެއާޕޯޓްވާނެ ކަމުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
މާތް ﷲގެ ވާގިފުޅާއެކު މިއަދަކީ މ. މުލީގެ ތަރައްޤީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ފެށުން ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، ރަށުގެ މަގު ހެދުމުގެ މަސައްކަތް 2026 ވަނަ އަހަރު ފައްޓަވައިދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ މިއާއެކު ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު މިހާރު އޮތީ ޢަމަލީ ގޮތުން މަސައްކަތް ފަށަން ތައްޔާރުވެފައިކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.
ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގޮތުން ގުޅިފައިވާ ބޯހިޔާވަހިކަމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ، މ. މުލީގައި 300 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށް ގޮސް، ޓެންޑަރިންގ މަރުހަލާގެ ތެރެއިން އެކަންކަން ހަމަޖެހިގެންދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. މ. މުލީގައި 300 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢަކީ ރައްޔިތުންގެ އުންމީދުތަކުގައި، ވަކިން ޚާއްޞަކޮށް ޒުވާނުންނާއި، ގެދޮރުވެރިކަން ނެތް ފަރާތްތަކުން ކުރަމުންދާ އުންމީދުތަކުގައި އެތައް ކުލައެއް ޖެހިގެންދާނެ ކަމެއްކަން ފާހަގަކުރައްވާ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ މ. މުއްޔަށް ބަދަލުވާން ބޭނުންވެފައި ތިބި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއާޕޯޓްތައް ތަރައްޤީކުރެވި، ބިންހިއްކައި، އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދެވޭ ރަށްރަށަކީ ސަރަޙައްދީ ގޮތުން ތަރައްޤީ ކުރެވޭ ރަށްތަކެއްގެ ގޮތުގައި ބަލައި، އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާފައެވެ. ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުވާން އޮތީ އެފަދައިން ކަމަށާ، ރަށްރަށަށް ހިޖުރަކޮށް އާބާދީ އެއްފަސްކުރުމަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިގެން ނޫނީ ނުވާނެ ކަމެއްކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މ. އަތޮޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެއެވެ. މުޅި މަޝްރޫޢު ނިންމާ ޚިދުމަތް ދޭން ފުރަތަމަ ޕްލޭންކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް މަސައްކަތްތައް ލަސްވުމާ ގުޅިގެން އެންމެ ފަހުން ތާވަލު ކުރީ މިއަހަރުގެ މެދުތެރޭގައި ޚިދުމަތް ފެށޭ ވަރަށް ނިންމުމަށެވެ.
މުލީ އެއާޕޯޓުގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއެކެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއާޕޯޓަކަށްވާއިރު، މިއީ ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް