މުލީގެ ތަރައްގީއަށް ކުރިއަށްގެންދަން ނިންމަވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު އަންނަ އަހަރު ބަޖެޓުގައި ހިމަނުއްވައިގެން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ާމުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، މުލީގެ ތަރައްގީއަށް ކުރިއަށްގެންދަން ނިންމަވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ފައްޓަވާނެ ކަމަށާއި އަދި އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތްވެސް ފަށަން ތައްޔާރުވެފައިވާ ކަމަށާއި ޚިދުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތަކީ ވަރަށް މުހިންމު މަޝްރޫއެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް. ރައްޔިތުން ބޭނުންވާ ކަންތައްތައް ހަމަޖެހިގެންދާން ސިއްޙީ ދާއިރާއިން. ވަރަށް ވަރަށް މުހިންމު މަޝްރޫއެއް އެއީ. އެހެންވީމަ އަޅުގަނޑުމެން ވާނީ މިދިޔަ އޭޕްރިލް މަހު އެ އިމާރާތް އެޅުމަށް ސޮއިކޮށްފައި. އަދި އިތުރު ޚިދުމަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް، ޑަޔަލިސިސް ޚިދުމަތާއި މިފަދަ ކަންތަކަށް މުވައްޒަފުން ހޯދުމާއި މިފަދަ ގިނަ ކަންކަމުގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެން" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، 57 ރަށުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މުލީގައި 300 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށާއި އެ މަޝްރޫއު ވެގެންދާނީ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖެހިގެންދާނެ މަޝްރޫއަކަށް ކަމަށާއި އެއަރޕޯޓުތައް ހަދައި ބިން ހިއްކާ ރަށްތަކަކީ ސަރަހައްދީ ތަރައްގީގައި މުހިންމު ރަށްތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް