ކާޑެއްދޫ އެއާޕޯޓްގައި ހުވަނި ގިނަވެ، އެކަމުގެ ކަންބޮޑުވުންތައް ސަމާލުކަމަށް އައުމާއިއެކު،ހުވަނި ކޮންޓުރޯލް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ދަނޑުވެރިމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިކަން ހާމަކޮށް "ސަރުކާރު" ނޫހުގައި ބަޔާންކޮށްފައިވަނީ، ކާޑެއްދޫ އެއާޕޯޓުގައި ހުވަނި ގިނަވެ، އެކަން ކޮންޓްރޯލުކުރުމަށް އެހީއަށް އެދި ދަނޑުވެރިމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް އެ އެއާޕޯޓުން ސިޓީއެއް ނުވަތަ މެއިލްއެއްވެސް އައިސްފައެއް ނުވާކަމަށާއި މި ކަން އެވުޒާރާގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލްމީޑިއާގެ ޒަރީއާއިންކަމަށެވެ.
އަދި މި މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައުމާއިއެކު އެ ވުޒާރާގެ ކަމާއިގުޅުންހުރި އިދާރާއިންވަނީ އެ އެއާޕޯޓަށް ގުޅުއްވާ، އެތަނުގައި މީގެކުރިން އެކޮޅުން ޢަމަލުކުރައްވާފައިވާގޮތް ބައްލަވައި، އިތުރަށް ކުރެވިދާނެ ކަންކަމާއިގުޅޭގޮތުގެ މައުލޫމާތު ވަނީ ދެއްވާފައެވެ. އަދި ހުވަނި ކޮންޓްރޯލްކުރުމާއި ބެހޭ ފަންނީ މަޢުލޫމާތު ކަރުދާސް އެ އެއާޕޯޓަށް ވަނީ މެއިލްކޮށްފައިކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީހުން ދިރިއުލޭރަށްތަކުގައި ހުވަނި ކޮންޓްރޯލް ކުރުމަކީ ރަށުކައުންސިލްގެ ޒިންމާއެއްކަމަށާއި، އެހެންނަމަވެސް އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ ވުޒާރާއިން ފޯރުކޮށްދޭނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ހަމަ މިފަދައިން ސިނާއި މަސައްކަތްކުރާ ރަށްތަކުގައިވެސް ހުވަނި ކޮންޓްރޯލްކުރުމަށް އެ އެރަށެއްގެ މެނޭޖްކުރައްވާ ފަރާތްތަކުން ދުރާލާ ތައްޔާރުވުން މުހިންކަމަށާއި މިފަދަ ފަރާތްތަކަށްވެސް ބޭނުންވާ ފަންނީ އެހީތެރިކަން އެވުޒާރާއިން ފޯރުކޮށްދޭނެކަމަށްވެސް ދަނޑުވެރިމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް