ކީރިތި ޤުރުއާން ކިޔެވުމަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެއްދެވުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.
ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމާއި، އިނާމުދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި، އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވަނީ، ޤުރުއާން ކިޔެވުމަކީ އާދައެއްގެ ގޮތުގައި ހެއްދެވުމަށް އެދިވަޑައިގެންފައެވެ.
"ހުރިހައި ބޭފުޅުން ވެސް ޤުރުއާން ކިޔަވައިވިދާޅުވުމަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި، އާދައެއްގެ ގޮތުގައި ހައްދަވައިގެން އަބަދުވެސް ކުރައްވާކަމެއްގެ ގޮތުގައި ހެއްދެވުމަށް އިލްތިމާސްކުރަން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޤުރުއާން މުބާރާތް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ޤުރުއާން މުބާރާތްތަކުގައި ލޯތްބާއި، ޝައުޤުވެރިކަމާއެކު ބައިވެރިވާ ފަރާތްތަކުގެ ޢަދަދު އިތުރުވެގެންދާކަން އުފަލާއެކު މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މުބާރާތަކަށް ކުރާ ކަމެއްގެ ބަދަލުގައި ޤުރުއާން ކިޔެވުމަކީ ދިރިއުޅުމުގެ އާދައަކަށް ހެދުން މުހިންމު ދީނީ ކަންކަމަށް ހޭލުންތެރިކުރުމަށް ސަރުކާރުތަކުން ކުރައްވާފައިވާ މަސައްކަތްތަކާއެކު ސްކޫލް މަދަރުސާތަކުގެ އިތުރުން ޤުރުއާން ކިޔަވައިދޭ ކުލާސްތައްވެސް ކޮންމެ ރަށެއްގައިވެސް މިހާރު ހިންގަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި ބޮޑު އިޖުތިމާޢީ ބަލުމަޑުކަމެއް އެބައޮތް. އިޖުތިމާޢީ ގިނަ މައްސަލަތައް އެބަހުރި. އެހެންކަމުން ޤުރުއާނާއި ރަސޫލާގެ ސުންނަތާ އެއްގޮތަށް ދިރިއުޅުން ބައްޓަަންކުރުމަށް ތުއްތު ކުދިން ތަރުބިއްޔަތުކުރަން ޢަޒުމް ކަނޑައަޅަންޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.
973 ކުދިން ބައިވެރިވި ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތް 1446 ކުރިއަށް ގެންގޮސްފައިވަނީ، 3 އުމުރުފުރާއަކަށް ބަހާލައިގެނެވެ. ޕީއެސްއެމްއިން ބާއްވާ ކުޑަކުދިންގެ ގުރުއާން މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތަކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް