ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހުޅުވައިލާކަމަށެވެ.
އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ 22 މޭ 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށްކަމަށާއި މީގެ އިތުރުން ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިމިވަނީ ސުޕްރީމް ކޯޓުން ސަސްޕެންޑު ކުރި ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ މަޤާމުން އެ ދެބޭފުޅުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު، އެ ބޭފުޅުން މަގާމުން ވަކިކޮށްދިނުމަށް އެދިއެވެ.
ޖޭއެސްސީން ބެލި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމާ ގުޅިގެން ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަނޑިޔާރު މަހާޒު މެދުވެރިކޮށް އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައިގެ ތަޙުޤީޤުގައި ފަނޑިޔާރު މަހާޒު ވަނީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރު އަދި އޭނާގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު ކަމަށްވާ ގާޒީ ސޮފްވަތު ހަބީބަށް ގުޅުއްވައިގެން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރިތޯ ބެއްލެވިކަމަށް އެއްބަސްވެވަޑައިގެންފައެވެ.
ފަނޑިޔާރުން ވަކިކުރި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅޭ މައްސަލައެއްވެސް ތަޙުޤީޤުކުރަންފެށިއެވެ. ނަމަވެސް ސަސްޕެންޑުކުރުމާ ގުޅިގެން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް