ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގަ ބޭއްވުމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށާއި އެހެންނަމަވެސް އެ ނިންމުމަކީ އެމަނިކުފާނު އަމިއްލަފުޅަށް ނިންމަވާނެ ނިންމުމެއް ނޫންކަމަށާއި، އެކަމުގައި ގޮތް ނިންމަވާނީ ދިވެހި ރައްޔިތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރައްވާ ބައެއް އިސްލާޙުތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، ވަކި ޤައުމެއްގައި ކަން ކުރާ އުސޫލުން ރާއްޖޭގެ ކަންކަން ކުރަން ނުޖެހޭ ކަމަށާ، އެއަށްވުރެ މާ ރަނގަޅަށް، ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވި، ޔަޤީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް އަޅުގަނޑުމެންނަށް ކަންކަން ބައްޓަން ކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ކުރިއަށް ގެންދިއުމުގެ ފައިދާ، ދިވެހިރާއްޖެ ފަދަ ޤައުމަކަށް ބޮޑުކަން، ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، ރިޔާސީ އިންތިޚާބުގެ ވޯޓަކީ ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ތެރެއިން ބައްޓަންކުރެވޭ ވޯޓަކަށްވުމަށް ވަކާލާތުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މިބަދަލާއެކު މިހާރު އޮންނަގޮތަށް، 2 ވަނަ ބުރުގެ ވޯޓަކަށް ދާންނުޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަންކަން މި ގޮތަށް ނިންމުމުން ޚަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާ ކަމަށާ، ނަމަވެސް މިކަން ނިންމަވާނީ އަޅުގަނޑުމެންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިގެން ކަމުގައި ރައީސް ވިދާޅުވިއެވެ. ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ސަބަބުން، އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި، އެ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކު ހޮވުމުގެ ފުރުޞަތު މާބޮޑުވާކަމަށް ޤަބޫލުކުރައްވާކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުން ގެންދަވާނެ ކަމަށާ، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް އަހާނެ ކަމަށާއި މިކަމުގައި އެ މަނިކުފާނު އަމިއްލަފުޅަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށާ، ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުންކަމުގައި ރައީސް ވިދާޅުވިއެވެ.
މި ކަންކަމާ މަޝްވަރާކުރެއްވުމަށް އާންމު ބަހުސަކަށް ހުޅުވާލައްވާފައި ވާކަން ފާހަގަކުރައްވައި، ރައީސް ވަނީ، އަޅުގަނޑުމެން ނިންމަމުން މިދަނީ މުސްތަޤުބަލުގެ މުހިންމު ނިންމުންތަކެއް ކަމުގައި ވިދާޅުވެ، ކަމުގެ ހައްސާސްކަމާމެދު ހުރިހާ ރައްޔިތުންވެސް ވިސްނާވަޑައިގަތުމަށް ގޮވާލައްވާފައެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ސިލްސިލާގެ މި ހަފުތާގެ އެޕިސޯޑް ނިންމަވާލެއްވުމުގެ ކުރިން ރައީސް ވަނީ، ރިޔާސީ ދައުރު ފެށޭ ތާރީޚަށް އައި ބަދަލު، އަނބުރާ ދެން އިޢާދަ ކުރެވިދާނެތޯ ކުރެވޭ ސުވާލަށްވެސް ޖަވާބުދެއްވާފައެވެ. އެގޮތުން، ރިޔާސީ ދައުރު ފެށޭ ތާރީޚު ބަދަލު ކުރެވިދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިކަން ކުރެވިގެންދާނީ ޤާނޫނަށް ގެނެވޭ އިޞްލާޙެއްގެ ދަށުންކަންވެސް ފާހަގަކުރެއްވިއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓަކީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ޕޮޑްކާސްޓެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް