ސުޕްރީމް ކޯޓުން ސަސްޕެންޑު ކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު، އެ ބޭފުޅުން މަގާމުން ވަކިކޮށްދިނުމަށް އެދެމުންނެވެ.
ޖޭއެސްސީން ބެލި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމާ ގުޅިގެން ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަނޑިޔާރު މަހާޒު މެދުވެރިކޮށް އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައިގެ ތަޙުޤީޤުގައި ފަނޑިޔާރު މަހާޒު ވަނީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރު އަދި އޭނާގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު ކަމަށްވާ ގާޒީ ސޮފްވަތު ހަބީބަށް ގުޅުއްވައިގެން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރިތޯ ބެއްލެވިކަމަށް އެއްބަސްވެވަޑައިގެންފައެވެ.
ޖުޑީޝަރީ ކޮމިޓީން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ. އަދި ފަނޑިޔާރުން ވަކިކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްވާނެ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ވަކިވަކިން ނެގި ވޯޓުގައި ވަކިކުރަން ތަޅުމުން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
ފަނޑިޔާރުން ވަކިކުރި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅޭ މައްސަލައެއްވެސް ތަޙުޤީޤުކުރަންފެށިއެވެ. ނަމަވެސް ސަސްޕެންޑުކުރުމާ ގުޅިގެން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް