މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައިވާ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންގެ ނަންތައް ތިރީގައިވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް:
• ޒަމްޢަތު އަހުމަދު ވަޙީދު، މަލަ/ ގދ. ތިނަދޫ
• އިބްރާހީމް އަޝްރަފް، ވ. މަޝްވެލި
• މޫސާ ރިޟްވާން، މ. ހާވިލާ
• ޒީނާ ޒާހިރު، އަތިރީގެ/ ގދ. ގައްދޫ
• ޢަލީ ޔޫސުފް، ބާރަނާ/ ޅ. ހިންނަވަރު
• ޝިމްލާ އަހުމަދު، އާޝްޓްރަލްގެ/ ސ. ހިތަދޫ
މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވުމުން، އެ ނަންތައް ދިރާސާކުރައްވާ ކޮމިޓީއަކުން މެންބަރުންނާ އިންޓަވިއުކޮށް މަޖިލީހުން ފާސްކުރެއްވުމުންނެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންވެސް މެންބަރަކު އައްޔަންކުރުމަށް 10 ނަމެއް ދިރާސާކުރަން މިފަހުން ރައީސް މަޖިލީހަށް ފޮނުއްވާފައިވާއިރު، މިފަހަރު ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރަނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީއެވެ.
ބްރޯޑްކޮމްގައި މިހާރު ތިއްބެވި މެންބަރުންނަކީ ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤާއި ނައިބު ރައީސް ޝިފްލާ އިބްރާހީމާއި، މެންބަރުންކަމަށްވާ އައިމިނަތު އަމީނާއާއި އާމިނަތު ނުޒުހާއާއި މުޙައްމަދު އަބްދުﷲގެ އިތުރުން އާމިނަތު ޞަރާޙަތު ޢިއްޒަތެވެ. 7 މެންބަރުން ތިއްބަވާ ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް