މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަލްފާޟިލާ އަސްނާ ޙަމްދީ، ގ. ސިލްވަރުގެއާގެ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފިއެވެ.
މިއަދުގެ ޖަލްސާގައި އަސްނާ އައްޔަން ކުރުމަށް ފެންނަކަމަށް 73 މެމްބަރަކު ވޯޓް ދެއްވި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރަން ނިންމައި، އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ހުށަހެޅީ މިދިޔަ މަހުގެ 30 ގަ އެވެ. އެ ދުވަހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވި އެވެ.
އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ ދަށުން އެބޭފުޅާ ހަވާލުވެ ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓަ ސެކްޝަނާ ކަމަށްވާއިރު، އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިދިޔަ މާޗު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުގައި ގާތްގަނޑަކަށް ފަސް އަހަރު ދުވަހު ހުންނެވި އެވެ. އިމާދު ވަނީ އެމްއެމްއޭގައި 25 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.
އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ އާ ގަވަރުނަރު އަހުމަދު މުނައްވަރު އެ އިދާރާއާ ހަވާލުވެވަޑައިގަތުމަށް ފަހު، އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އުފެއްދި މަގާމުތަކެކެވެ. އެއާ އެކު، އެ އިދާރާގެ ޑިޕާޓްމަންޓުތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރުންނެވެ. އެއީ ފަސް އަހަރުގެ ދެ ދައުރުގެ މުއްދަތަކަށް ހޮވާ މަގާމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް