އުންމީދުފުޅަކީ، ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން 2028 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން، ޤާނޫނީ އުސޫލުތަކުގެ ތެރެއިން ގޭގައި ތިއްބަވައިގެން މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހިންގާނެ މަޝްރޫއު، މޯލްޑިވްސް 2.0 ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވުމަށްފަހު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޯލްޑިވްސް 2.0 އިފްތިތާޙުކުރުމަށް ރޭ ބޭޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށް އެމަނިކުފާނު އުންމީދު ކުރައްވަނީ 2028 ވަނަ އަހަރާ ހަމައަށްދާއިރުކަމަށާއި ރާއްޖެ ޑިޖިޓަލައިޒޭޝަން ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު އޮފީހުގައި ތިބެގެން ޚިދުމަތްދޭން ތިބޭ މީހުންގެ އަދަދު މަދުކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ، އަދި މިތަނުގައި މިއަދު ކަނޑަނޭޅި ނަމަވެސް، އެންމެން ގުޅިގެން މި މަސައްކަތް ކާމިޔާބުކުރެވޭ މިންވަރަކުން އަޅުގަނޑުގެ އުންމީދަކީ، 2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް ސާޅީސް ނުވަހާސް މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން، ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން ވާރކް ފްރޮމް ހޯމް، ގޭގައި ތިބެގެން، ހަމަ ޤާނޫނީ އުޞޫލުގެ ތެރެއިން، ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ މުވައްޒިފުން މަސައްކަތް ކުރާނީ ހަފްތާއަކު ވަކި މިންވަރެއް އޮފީހުގައި ތިބެން ޖެހޭ ގޮތަކަށްކަމަށާއި، ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކޮންމެހެން ނިކުންނަން ޖެހޭ މުވައްޒިފުންނަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް