ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ޚިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް. ބީ. އެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
އެ މަނިކުފާނު މިކަން ހާމަކުރެއްވީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕޮޑްކާސްޓުގެ މި އެޕިސޯޑްގައި މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ އަރިސްކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ހޮސްޕިޓަލެއްގެ ގޮތުގައި ތެލެސީމިއާ ސެންޓަރު ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެންމެ ގިނަވެގެން ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި، އެމް. ބީ. އެސް ގެ ހިންގުމާއި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ހަވާލުވާނެ ކަމަށާއި މި ބަދަލުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މި ބަދަލާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީގައި ތެލެސީމިއާ ކުދިންގެ ހުރި އެކިއެކި މައްސަލަތަކާއި ދަތިތަކަށް، ޙައްލު ލިބިގެން އަންނާނެކަމަށާއި، ރާއްޖޭގެ އަތޮޅުތަކުގައި ދެވޭ ޚިދުމަތްތައްވެސް ހިނގަމުންދާނީ އެ ތަނުގެ ދަށުން ކަމަށާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުވެގެންދިއުމާއެކު ހުޅުމާލޭގައި ހުރި، މާލޭ ހޮސްޕިޓަލްސް ގްރޫޕުގެ ހޮސްޕިޓަލުން އެތަނުގެ ހިންގުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ޕޮޑްކާސްޓުގެ މަސައްކަތްތައް ފަށައިގަތް ދުވަސްވަރު، ތެލެސީމިއާ ސެންޓަރަށް ވަޑައިގެން، އެތަނުގެ ހާލަތު ބައްލަވައިލެއްވި ހިސާބުން ފެށިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވި، ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެގޮތުން، މާލޭގައި ހިންގަމުންދިޔަ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭގެ އޮރެންޖު ހިޔާ އިމާރާތަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އޮރެންޖު ހިޔާ އިމާރާތުގައި ޖާގަ ތަނަވަސްވުމުގެ އިތުރުން ވަސީލަތްވެސް ކުރިއަށް އޮތް ތަނުގައި އިތުރުވަމުން ދާނެ ކަމަށާއި ވަސީލަތް އިތުރުކުރުމުގައި ބަޖެޓު ހަމަޖެއްސުމަށް، ފިނޭންސް މިނިސްޓްރީއަށް ދެއްވަންޖެހޭ އެންމެހައި ހުއްދަތައް މިހާރު ވާނީ ދެއްވާފައި ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މި ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމުގެ އިންތިޒާމު ހަމަޖައްސަން ވެފައިވާ ވަޢުދުފުޅާ އެއްގޮތަށް، 14 ކުއްޖަކަށް އެ ޚިދުމަތް ފޯރުކޮށްދެވެމުންދާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އިތުރު ކުދިންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ތެލެސީމިއާއަށް ޚާއްޞަ ފުލް-ފްލެޖްޑް ހޮސްޕިޓަލެއް ހުޅުމާލޭގައި ހެދުމަށް މިހާރު މަސައްކަތްތަކެއް ފެށިފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫޢަށް އިންވެސްޓްކުރާ ފަރާތްތަކާއެކު އެގްރީމަންޓު ހެދުމާއި ހިސާބަށްދެވި، ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި މި ހޮސްޕިޓަލުގެ މަސައްކަތުގެ ތެރެއިން ބޯންމެރޯގެ ޚިދުމަތް ދިނުމަށް ޝަރުތު ކުރެވިފައިވާނެ ކަމަށެވެ. އަދި މިކަމުގެ އިތުރު ތަފުސީލުތައް ކަންކަން ނިމެމުންދާ ވަރަކަށް ހާމަވެގެން އަންނާނެ ކަމަށާއި ތެލެސީމިއާ ކުދިންނަށް ދާއިމީ ރަނގަޅު ޙައްލެއް ގެނެސްދެއްވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް