ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް، އުންމީދާއެކު އެކުދިންގެ ދިރިއުޅުން ބިނާކޮށްދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހުގެ މުނާޞަބަތުގައި އެމަނިކުފާނު ދެއްވި ޚިޠާބެއްގައެވެ.
އެގޮތުން، ދިވެހީންނަކީ އިޙްސާންތެރިކަމާއި އަޅައިލުމުގައި ލާމަސީލު ނަމޫނާއެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމަޢު ބައިވެރިވުމަކީ އެމަނިކުފާނުގެ އިލްތިމާސެއްކަމަށެވެ.
އަދި އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިޙްސާސްތަކާއެކު އެ ކުދީންނާ މުޢާމަލާތު ކުރުމުގައި، އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.
އަދި މިއަދު މި ފާހަގަކުރާ ތެލެސީމިއާ ދުވަހ، އެމަނިކުފާނުގެ ހެޔޮ ދުޢާތަކާއި، ހިތުގެ އިޚްލާޞްތެރި ކުލުނާއި ލޯބި ވަނީ، ތެލަސީމިއާގެ އުނދަގޫތައް ތަޙައްމަލު ކުރަމުންދާ ކުދީންނާއި ޢާއިލާތަކާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އާބާދީގެ ނިސްބަތުން ބަލާއިރު، ތެލަސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމަކީ ދިވެހިރާއްޖެކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލަސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެއްކަމަށާއި އެހެންކަމުން، ތެލަސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހިރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ރަށްރަށުގައި، ތެލަސީމިއާ ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކުމެ ދުވާލާއި ރޭގަނޑުވެސް އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރާނެކަަމަށާއި، ޞިއްޙަތު ސަލާމަތުން ބޭތިއްބުމަށާއި، އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެއީ ހަމައެކަނި ފަރުވާއެއް ނޫންކަމަށާއި، އެކުދީންނާ އޯގާތެރިކޮށް މުޢާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ތެލަސީމިއާ ކުދީންނަށްޓަކައި އެމަނިކުފާނު ހާމަކުރި ތަޞައްވުރާއި، ވީ ވަޢުދުތައް މާތްﷲގެ ވާގިފުޅާއެކު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތެލަސީމިއާ ކުދީންނާއި ޢާއިލާތަކާއި ސީދާ ބައްދަލުވެ، އަޑުއަހައި، އަދި އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން، ކުރައްވާ މަސައްކަތުން، އިރާދަކުރެއްވިއްޔާ މިކުދީންނާއި ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތެލަސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އަޅުގަނޑުމެން ލިބިގަންނަންވީ އީޖާބީ ފިލާވަޅުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދިރިއުޅުމެއް ހޯދުމަށް އެ ކުދީން އުފުލާ ބުރަ ލުއިކޮށްދިނުމަށް އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ، ސަވާބު ލިބެނިވި ހެޔޮ ޢަމަލަކަށްވާނެކަމަށެވެ.
އަދި އެ ކުދީންގެ ފުރާނައިގެ ޙައްޤުގައި އަޅުގަނޑުމެން ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވާނެކަމަށާއި އެ ކުދީންނަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ދުޢާއަކާއި ހެޔޮ ފޯރުވުމެއްގެ ބަރަކާތާއި ރަޙްމަތް، ދުނިޔެއާއި އާޚުރަތުގައި ލިބޭނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް