ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025ގެ މީޑިއާ ޕާޓްނަަރަކަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސައިފިއެވެ.
މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީންނެވެ.
މި މައުރަޒުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން ޒާމިރުއެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއުއެވެ. ޕީއެސްއެމްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީންއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން ޒާމިރު ވިދާޅުވީ، ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން މި މައުރަޒު އިޝްތިހާރުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އަދި ޕީއެސްއެމާއި ބީސީސީ އަދި ވުޒާރާއާއި ގުޅިގެން ކުރެވުނު އެއްބަސްވުމުގެ ދަށުން އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރޭގައި ހިނގާ ކަންކަމުގެ ތެރޭގައި މާކެޓް ކުރުމުގެ މަސައްކަތްކުރެވެމުންދާނެކަމަށާއި، ޚާއްޞަކޮށް މައުރަޒުގެ ތެރޭގައި ހިންގަމުންދާ ކަންކަމާއި އަދި ދިވެހީންގެ އުފެއްދުންތައް އިންޓަރނޭޝަނަލް ލެވެލްގައި މާކެޓްކުރުމަށް މިއެއްބަސްވުމުގެ ތެރެއިން މަސައްކަތްކުރެވިގެންދާނެކަމުގައި ސްޓޭޓް މިނިސްޓަރ ޙުސައިން ޒާމިރު ވިދާޅުވިއެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތައްޔާރީތައް ހިނގަމުންދާ ގޮތް އިކޮނޮމިކް މިނިސްޓަރ އިއްޔެ ވަނީ ބައްލަވާލައްވާފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް