ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ރާއްޖެއަށް ވޭޕް އެތެރެކުރި ވަކިވަކި ފަރުދުން 48 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުނު ނަމަވެސް، އެފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ވިދާޅުވެއްޖެއެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ، މިހާރު ގާނޫނުގައި އޮންނަ ގޮތުން ވޭޕް އެތެރެކުރުމުގެ ކުށަށް 50،000 ރުފިޔާގެ ޖޫރިމަނާއަކާއި، އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިފައިވާކަމަށާއި އެކަން ތަންފީޒުކުރެވިދާނެކަމަށެވެ.
"އަޅުގަނޑުމެންނަށް އެކަން ތަންފީޒު ކުރެވޭނެ، އެއީއެއް ނޫން މައްސަލައަކީ، އެގޮތަށް ގާނޫނުގައި ކަނޑައަޅާއިރު، އަމިއްލަ ފަރުދަކު އެވަރުގެ ޖޫރިމަނާއެއް ކޮށްގެން އެ ފައިސާ ލިބޭނެތޯ، ވިސްނާލަން ޖެހޭ،" ސިމާހު ވިދާޅުވިއެވެ.
މިއަދުގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކަސްޓަމްސްގެ ސީނިއަރ ސުޕްރިންޓެންޑެންޓް އިބްރާހިމް ފަޔާޒު ވިދާޅުވީ، މިއަހަރު މިހާތަނަށް ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެކުރުމުގެ 20 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްވެފައިވާ ކަމަށާއި މިފަދަ ކޮންމެ މައްސަލައެއްގައިވެސް ޖޫރިމަނާކުރުމާއެކު ޖިނާއީ ތަޙުޤީޤެއް ކުރިއަށްދާނެ ކަމަށެވެ.
އެހެންކަމުން، ބައެއް ފަހަރު ވަގަށް އެތެރެކުރާ މުދަލުގެ އަގާއި އޭގެ ފައިދާ، މިހާރު ކަނޑައެޅިފައިވާ ޖޫރިމަނާއަށްވުރެ މާ ބޮޑުވާތީ، ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ އަދަބު ކަނޑައެޅުމުގައި މިހާރު އޮތް ލިމިޓް އުވާލެވޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ކަސްޓަމްސްގެ އިސްވެރިން ވަނީ އެދިވަޑައިގެންފައެވެ. މިހާރު އެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، 2023 ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، އިންޒާރުގެ ފޮޓޯއާއެކު ނުރައްކާތެރިކަމުގެ ލޭބަލް ނުޖަހައި ސިނގިރޭޓު އެތެރެކުރުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެކުރުމުގެ މައްސަލަ އިތުރުވަމުންދާކަން ފާހަގަކުރައްވައި، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ވިދާޅުވީ، ޚާއްޞަކޮށް ރާއްޖެއަށް އަންނަ ޔޮޓުތަކުން މިފަދަ ތަކެތި އެތެރެކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި މީގެ ތެރޭގައި އެއަރޕޯޓުގައި ސްކޭނިންގ މެޝިންތައް އިތުރުކުރުމާއި، ބަނދަރުތަކުގައި ސަރވެއިލަންސް ކެމެރާ ސިސްޓަމްތައް ހަރުކުރުން ހިމެނޭކަމަށް ކަސްޓަމްސްގެ އިސްވެރިން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް