ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާއި ގުޅުންހުރި ކަމެއް ނޫން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނާއި ރާއްޖޭގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އިންތިޒާމްކޮށްގެން ބޭއްވި އިމާމުންނާއި ދީނީ ޢިލްމުވެރިންގެ ޤާބިލުކަން އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ނުރައްކާތެރި ފިކުރުގެ ޙަޤީޤީ ފަރުވާއަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު އުނގެނުން ކަމުގައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގެ އަސްލު އުސޫލުތަކުގައި ވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާމެދުވެސް ހެޔޮކޮށް، އޯގާތެރިކަމާއި އިންސާފުވެރިކަމާއެކު މުޢާމަލާތްކުރުމަށް އަންގަވާފައެވެ. އަދި ޓެރެރިޒަމާއި ހަރުކަށި ފިކުރާއި ގުޅޭ ޞައްޙަ ތަފްސީލީ މަޢުލޫމާތު ޚިއްސާ ކުރުމަށް ބޭއްވޭ މި ފޯރަމްއަކީ ވަރަށް މުހިންމު ފޯރަމެއް ކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.
އިސްލާމްދީނުގައި ޖިހާދާއި ޓެރަރިޒަމްއަކީ ދެ ތަފާތު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޝަރީޢަތުގައި ޖިހާދަށް ވަކި އުޞޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އެކަން ވަކިވަކި ފަރުދުންގެ އަތް މައްޗަކަށް ދޫކޮށްފައެއް ނުވާ ކަމަށާއި، އެހެނަސް، އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޖިހާދުގެ ޙިކުމަތަކީ ޤައުމާއި އޭގެ ރައްޔިތުން ރައްކާތެރިކުރުންކަމަށާއި، އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ބާވަތެއްވެސް ޙަރާމްކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
މި ފޯރަމްގައި، އިސްލާމީ އުއްމަތް ޓެރަރިޒަމްއާއި ހަރުކަށި ފިކުރުން ސަލާމަތްކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް މުޢިއްޒުގެ ސަރުކާރުން މިފަދަ ނުރައްކާތެރި ފިކުރުތަކާ ދެކޮޅަށް ކުރައްވަމުންދާ މަސައްކަތްތަކާއި، ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާ ގުޅިގެން މިކަމުގައި މުހިއްމު މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް