24 އޭޕްރީލް 2025ގެ ނިޔަލަށް މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށް ވުރެ ގާތްގަނޑަކަށް 6.9 އިންސައްތަ އިތުރުވެ، 12.4 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެއްޖެ އެވެ.
މާލީ ވުޒާރާއިން މިއަދު އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 24 އޭޕްރީލް 2025ގެ ނިޔަލަށް ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ.
އެގޮތުން، ދައުލަތުގެ އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 9.5 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 9.4 ބިލިއަން ރުފިޔާ) އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 2.8 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 1.98 ބިލިއަން ރުފިޔާ) އެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން އާމްދަނީ ލިބުނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) މެދުވެރިކޮށެވެ. އެގޮތުން، ޓީޖީއެސްޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 24 އޭޕްރީލް 2025ގެ ނިޔަލަށް 617.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 361.9 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖު/ޑިޕާޗާ ޓެކްސްގެ ގޮތުގައި 490.5 މިލިއަން ރުފިޔާ (މިދިޔަ އަހަރު 380.7 މިލިއަން ރުފިޔާ) އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 492.8 މިލިއަން ރުފިޔާ (މިދިޔަ އަހަރު 389.1 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 13.2 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވި 9.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި 804.5 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދުގެ މައިގަނޑު ބައިތަކަށް ބަލާއިރު، މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް 3.7. ބިލިއަން ރުފިޔާ (މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާ) އަދި އިދާރީ ކަންކަމަށް 5.9 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 6.5 ބިލިއަން ރުފިޔާ) ޚަރަދުކޮށްފައިވެއެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް މިހާތަނަށް ވަނީ 1.9 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ހުރީ 1.6 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓް ގެ އޯވަރޯލް ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާއިން އަރަނިވެރިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް