ފަސް މީހުންނާ އެކު ގދ. ގައްދޫން ފުރައިގެން ހުޅުމާލެ އަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯންޏެކެވެ. އަދި އެެ ދޯނީގައި 5 މީހުން ތިބިކަމަށާއި އެއީ 3 ދިވެހިންނާއި 2 ބިދޭސީންކަމަށް ފުލުހުންވަނީ މައުލޫމާތު ދިފައެވެ.
ދޯނިފަހަރު ޓްރެކް ކުރާ "ފޮލޯ މީ" އެޕްއިން ދައްކާ ގޮތުގައި، އެ ބޯޓުގެ ޓްރެކިން ސިގްނަލް ކެނޑިފައި ވަނީ ގއ. އަތޮޅު ހުރަސްކޮށް، ހުވަދޫ ކަނޑުގެ ވަކި ހިސާބަކަށް ދިޔަ ފަހުންނެވެ. އެއީ ރޭ 8:04 ހާއިރެވެ. އަދި ފުލުހުން މިރޭ ބުނީ އެ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ ރޭގެ ދަންވަރު 2:40 ގައި ކަމަށެވެ.
"އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވެ އެވެ... މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރެވި، އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފަ އެވެ. ދޯނި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ." ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.
މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ފޯރުކޮޢްދެއްވުމަށް ފުލުހުން އެދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް