އައްޑޫ ވިލިނގިއްޔަކީ އެ ސަރަހައްދުގެ އިޤުތިޞާދަށް ވަރަށް މުހިންމު ރިސޯޓެއް ކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ފާއިތުވި ރޯދަމަހު އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވިކަމަށާއި، އަދި އެ މަޝްރޫއުގެ މަސައްކަތް ފަށައިގަންނަން ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބެއްލެވިކަމަށެވެ.
އަދި އެ މަސަައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ އިސްބޭފުޅުންނާއެކު މަޝްވަރާތަކެއް ކުރެވި، އެ ކުންފުންޏަށް އެ ރިސޯޓު އޮޕަރޭޓްކުރުމަށް ހުރި ގޮންޖެހުންތައް ދެނަގަނެ، އެ ކަންތައްތައް ހައްލުކުރަން ސަރުކާރަށް އިތުރަށް ކޮށްދެވޭނެ ކަންތައްތަކަކީ ކޮބައިކަން ބަލައި، މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރިސޯޓު ހިންގާ ކުންފުނިން ފާހަގަކުރި އެންމެ ބޮޑު އެއް ނުކުތާއަކީ އައްޑޫއަށް ކަނެކްޓިވިޓީ ފަސޭހަކުރުން ކަމަށާއި، އައްޑޫއަށް ދިއުމަށް ހުންނަ ދަތިތައް އެ ބޭފުޅުން ފާހަގަކުރެއްވިކަމަށެވެ.
އަދި މީގެ އިތުރުން، ތިލަދުންމަތީ ދެކުނުބުރީ ނާގޮށި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކުރެވުނުތާ ގިނަ ދުވަސްތަކެއް ވެއްޖެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ރަށުގައި ކުރިންވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މަސައްކަތް ހުއްޓާލާފައި އޮތުމުގެ ސަބަބުން އެ ރަށުގައި ގަސް ބޯވެފައިވާތީ، މިހާރު ކުރަމުންދަނީ ސާފުކުރުމުގެ މަސައްކަތް ކަމަށް އެމްޓީޑީސީން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
އަދި އެ ރިސޯޓު އެޅުމަށް ކޮންސްޓްރަކްޝަން ޕާމިޓްވެސް ދޫކޮށްފައިވާ ކަމަށާއި، މިހާރު ދަނީ ބީއެމްއެލް އާއެކު ފައިނޭންސިންގެ ބައެއް ކަންތައްތައް ކުރަމުން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް