ޒުވާނުން ދުންފަތާ ދުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" އަށް ހިޔާލު ހޯދުމަށް ހުޅުވާލި "ޕޯލް"އަށް ވޯޓުދިން ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރަންކަން ހާމަވެއްޖެއެވެ.
އެގޮތުން، ރައީސް ހުޅުވާލި ޕޯލްގައި ތިން ތާރީހަކުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން ފެންނަގޮތް ހަމާކުރަން އޮތީ އެދިވަޑައިގެންފަ އެވެ.
ރައީސްގެ ހުށަހެޅުއްވުންތައް؛
1. 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
2. 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
3. 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
މި ޕޯލުގެ ނަތީޖާއަށް ބަލާއިރު އެކްސްގައި ހުޅުވާލެއްވި ޕޯލަށް ވޯޓުލި މީހުންގެ ތެރެއިން %51.1 މީހުން، ފޭސްބުކްގައި ހުޅުވާލެއްވި ޕޯލަށް ވޯޓުދިން މީހުންގެ ތެރެއިން %72 މީހުންނާއި އަދި އިންސްޓަގްރާމްގައި ހުޅުވާލެއްވި ޕޯލަށް ވޯޓުދިން %45 މީހުން ތާއީދުކޮށްފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށެވެ.
ޖީލުތަކެއް މި ވަބާގެ ތެރެއަށް ގެއްލިގެން ދާ މަންޒަރު ބަލަން ސަރުކާރަކުން ތިބެންވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭކަމަށާއި، މި މައްސަލަ ހައްލުކުރުމަށް "ޖެނެރޭޝަން ބޭން" އެއް މުހިންމުކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރުމަށްފަހު ކެބިނެޓް ކަރުދާހެއް، ދިރާސާ ކުރައްވައިގެން ތައްޔާރުކުރެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއަށް ވަނީ ހަވާލުވެސް ކުރައްވައިފައިކަމަށެވެ.
މީގެ އިތުރުން، އެ ކަރުދާސް ތައްޔާރުކުރުމުގައި ކަމާ ގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި އަދި އެނޫން ވެސް ފަރާތްތަކުގެ މަޝްވަރާ ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރެވިއްޖެނަމަ، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކުން ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އަދި ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންނަށް އެ އާދަ ދޫކޮށްލުމަށާއި، ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް