ސަޢުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށާއި ރާއްޖޭގެ ތަރައްޤީގައި ސަޢުދީ ޢަރަބިއްޔާއަކީ މުހިންމު ބައިވެރިއެއްކަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުالله އަލްއަޖަލީން އަލް-ދޯސަރީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގެ ތެރެއިންނެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި މުހިންމު އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ ސަފީރަށް ޝުކުރު އަދާކުރައްވައި ކުރިއަށް އޮތްތަނުގައި ސަފީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ސައުދީ ސަރުކާރާ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވައި، ކުރިއަށް އޮތް މަސްތަކުގައި ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.
އަދި މިދިޔަ މެއި މަހު ޢުމްރާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢުދީ ސަރުކާރުގެ ފަރާތުން ދެއްވި މެހެމާންދާރީގެ ހަނދާންތައްވެސް އެމަނިކުފާނު ވަނީ އައުކުރެއްވިއެވެ.
ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު 17 މާރިޗު 1981 އިން ފެށިގެން ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވާއިރު، މިއަހަރު މި ގުޅުމަށް 44 އަހަރު ވަނީ ފުރިފައެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް