2023 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ ކޮޕް 28 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "5 މިލިއަން ގަސް" ޕްރޮގްރާމުގެ ދަށުން މިހާތަނަށް 490،00 އަށްވުރެ ގިނަ ގަސް އިންދައިފިކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭ ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހާ ދިމާކޮށްކަމަށްވާއިރު އޭގެ ފަހުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުން ވެސް އަންނަނީ އެ ޕްރޮގްރާމަށް އެއްބާރުލުންދީ ގަސް އިންދަމުންނެވެ.
ކުންފުނިތަކާއި މުއައްސަސާތަކުން މިހާތަނަށް ވައުދުވެފައިވާ ގޮތުން 5.2 މިލިއަން ގަސް އިންދޭނެކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭޭގެ ތެރޭގައި ހިމެނެނީ؛
1. އެޗްޑީސީ އަދި އެމްޕީއެލް: ކޮންމެ ކުންފުންޏަކުން އެއް މިލިއަން ގަސް
2. ރީޖަނަލް އެއާޕޯޓްސް: 600،000 ގަސް
3. ސްޓެލްކޯ: 500،000 ގަސް
4. އެސްޑީއެމް ފާމް: 750،000 ގަސް
5. އެހެން މުއައްސަސާތަކާއި ޖަމިއްޔާ އަދި ކުންފުނިތައް: 1.3 މިލިއަން ގަސް
މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް