ދ. ރިނބުދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ޞިއްޙީ މަރުކަޒުގެ މައްސަލަތަކަށް އަވަސް ޙައްލެއް ގެނެސްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ވިދާޅުވީ އިއްޔެ ދ. ރިނބުދޫއަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ދ. ރިނބުދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށްވެސް ވަރަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ސްކޫލަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމުގެ މައްސަލައަށް، ދާއިމީ ރަނގަޅު ހައްލެއް އައުމަކީ ރަށުގެ ރައްޔިތުންނާއި، ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންނަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އެހެން ކަމުން މާތް ﷲގެ އިރާދަފުޅާއެކު، ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި، މިހާރު ކުރިއަށްދާ އިދާރީ-ފަންނީ މަސައްކަތްތައް ފުރިހަމަކުރައްވައި، 6 ކުލާސްރޫމް ހިމެނޭ ގޮތަށް، ކޮމްޕިއުޓަރ ލެބާއި ލައިބްރަރީ ފަދަ ތަންތަންވެސް ހިމެނޭ ގޮތަށް، ސްކޫލުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެއް އެންމެ ލަސްވެގެން މި އަހަރުގެ މެއި މަހުގެ ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދ. ރިނބުދޫގެ ޞިއްޙީ މަރުކަޒުގައިވެސް ހައްލު ބޭނުންވާ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާ މަޝްރޫޢެއްގެ ގޮތުގައި، އެ މަރުކަޒުގެ ޖާގައާއި، ވަޞީލަތްތަކާއި މުވައްޒަފުން ހަމަކޮށްދެއްވުމުގެ މަޝްރޫޢެއް، މާތް ﷲގެ އިރާދަފުޅާއެކު ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވާފައެވެ.
ދ. ރިނބުދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު، މީގެ އަހަރުތަކެއް ކުރިން އެހެން ރަށަކަށް ހިޖުރަކުރެއްވި ނަމަވެސް ގޯތީގެ މައްސަލައަކީ އަދިވެސް އެ ރަށުގައި ހައްލު ނުލިބި އޮތް މައްސަލައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ދަތުރުފުޅު ފެއްޓެވުމުގެ ކުރިންވެސް އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވޭތޯ ބެއްލެވި ކަމަށާ، ނަމަވެސް އެކަން އޮތީ އެފަދައިން ހައްލު ކުރެވޭ ގޮތަކަށް ނޫން ކަމުގައި ވިދާޅުވެ، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ކައުންސިލާއެކު މިކަމާ މަޝްވަރާކުރެއްވުމަށްޓަކައި ފަންނީ ޓީމެއް މިއަދުގެ ވަގުތެއްގައި ދ. ރިނބުދޫއަށް ވަޑައިގަންނަވާނެކަމުގައެވެ.
ފަންނީ ޓީމުގެ މަސައްކަތަށް ފަހު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، މި ކަމަކީ ރަށުގައި ތިބި ރައްޔިތުންނާއި، އެހެން ރަށަކަށް ބަދަލުވީ ރައްޔިތުންނަށްވެސް ހައްލު ލިބެންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމަކީ އެންމެންގެ އެއްބާރުލުން ލިބިގެން ހައްލު ވާނެ ކަމެއް ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މައްސަލަ ހައްލު ކުރުމުގެ ވިސްނުމުގައި ރައްޔިތުން އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. މިކަމުގެ ފައިދާ އޮތީ ރައްޔިތުންނަށް ކަމަށާ، ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދެއްވުމަކީ ސަރުކާރުން އެދިވަޑައިގަންނަވާ ގޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ދ. ރިނބުދޫގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އިތުރު އެކި މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގެ އުންމީދީ ޚަބަރުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެގޮތުން، ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ނިޒާމުގެ ޚިދުމަތް މި އަހަރު ތެރޭގައި ފެށިގެން ދިއުމާއި، ކުޅިވަރުގެ ރޮނގުން ގެނެވޭ އިތުރު ކުރިއެރުންތަކުގެ ވާހަކަ، އެ މަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް