ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން "ރެޑީ ފޯރ ފިއުޗަރ" ގެ ނަމުގައި ޒުވާނުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، ނިންމައިފިއެވެ.
މިމަހުގެ 22 އިން 24 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ޒުވާނުން ތައްޔާރުކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމެވެ.
ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މި ޕްރޮގްރާމުގައި އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި، މުވާސަލާތީ ހުނަރުތައް ހަރުދަނާކުރުމުގެ އިތުރުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދެވޭނެއެވެ. މީގެ ތެރޭގައި ޒުވާނުން އެކަކު އަނެކަކާ ގުޅިގެން ކުރެވޭނެ އެކިއެކި ހަރަކާތްތަކާއި، އިސްވެ މަސައްކަތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމުގެ ހަރަކާތްތައް ހިމެނެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން މުއާސަލާތުކުރުމާއި، އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި، އިސްލާމީ އަޤީދާ ފަދަ މުހިންމު ދާއިރާތަކަށް ޒުވާނުން އަހުލުވެރިކުރުވުމަށް ޚާއްޞަ ސެޝަންތަކެއް ކުރިއަށްގެންދެވޭނެ ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މިހާރުވެސް ދަނީ "ޔޫތު ވެލްނެސް ލައުންޖް" ފަދަ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދަވަމުންނެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު އަމާޒަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޒުވާނުން ބާރުވެރިކުރުވުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް