އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު މަޝްވަރާކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ކަސްރަތާއި އިޖްތިމާއީ ހަރަކާތްތަކުގެ ތެރެއިން މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި ރަށްރަށުގެ ވަސީލަތްތައް އެންމެންނަށް ފަސޭހައިން ބޭނުންކުރެވޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަމާއި، މިކަން ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި ދެ ވުޒާރާއިން އެއް އަމާޒަކަށް މަސައްކަތްކުރާއިރު، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެވުނެވެ.
މި ބައްދަލުވުމަކީ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއްކަމަށް ބެލެވެއެވެ. މި މަސައްކަތުގައި ދެ ވުޒާރާއިން ގުޅިގެން މަސައްކަތްކުރުމަކީ އިސްރަށްވެހިންނަށް ލިބިގެންދާނެ ބޮޑު ފައިދާއެއްކަމަށް ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް