ކ. އަތޮޅު ކުޑަގިރި ފަޅު ތެރެއަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ރެކް ސައިޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ މޯލްޑިވްސް މާރިން އެންޑް ޕޯޓް ރިސޯސަސް ސެންޓަރ (އެމްއެމްޕީއާރްސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.
މި މަޝްރޫޢުގެ ދަށުން ކުޑަގިރި ފަޅަށް ފައްތަނީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާބޯޓެވެ. މި މަސައްކަތުގެ ތެރެއިން މިހާރު ވަނީ އެ ސަރަހައްދު ސާފުކޮށް، ބޯޓުތައް ފެއްތުމަށް ވާންޖެހޭ ތައންޖެހޭ ތައްޔާރީތައް ފަށައިފައެވެ
މި މަޝްރޫޢުގެ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި (އީއައިއޭ) ފާހަގަކޮށްފައިވާ ގޮތުގައި މަތިންދާބޯޓު ގެންގުޅުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ތެރޭގައި މީހުންނަށް ސިއްހީ އަދި ޖިސްމާނީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެއެވެ. އަދި ޑައިވް ސައިޓް ތަރައްގީ ކުރުމުގެ ތެރޭގައި ކަނޑުމަތީގައި މަސައްކަތްކުރާ މީހުންނަށްވެސް މިފަދަ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ނުރައްކާތައް ކުޑަކުރުމަށްޓަކައި، މަޝްރޫޢުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނުކުރުމަށް ރިޕޯޓުގައި ލަފާދީފައިވެއެވެ
ކުޑަގިރިއަކީ ނިމިދިޔަ ސަރުކާރުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ތަރައްގީކޮށްފައިވާ ޕިކްނިކް އައިލެންޑެކެވެ. ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ މި ރަށުގައި ދަތުރުވެރިންނަށް ހާއްސަ ކޮޓަރިތަކެއްވެސް ހުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް