ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ "5 މިލިޔަން ގަސް" ޕްރޮގްރާމްގެ ދަށުން މިއަހަރުގެ އަމާޒަކީ 2 މިލިޔަން ގަސް އިންދުން ކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވަމުންގެންދާ "އަހާ ފޯރަމް"ގައި އާއްމު ފަރާތަކުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، ވަޒީރު ޠާރިޤު ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތަށް ފެހިކޮށް ރައްކާތެރި ވެއްޓެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަޝްރޫޢެއްކަމަށެވެ.
"މިއަހަރުވެސް މިބަލަނީ އެއް މިލިއަނަށްވުރެ ގިނަ ގަސް އިނދުމަށް. ޓާގެޓަކީ 2 މިލިއަން ގަސް އިންދުން މިއަހަރުގެ ތެރޭގައި. 5 އަހަރުވާއިރު 5 މިލިއަން ގަސްއިންދިގެންދާނެ އިރާދަކުރެއްވިއްޔާ." ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
މި ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމަށް ޚާއްސަ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި އެޕްލިކޭޝަނާއެކު، ގަސް އިންދިތަނާއި، ގަސް އިންދި ފަރާތް އެނގޭނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން "5 މިލިޔަން ގަސް" ޕްރޮގްރާމް އިފްތިތާޙްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ. މި ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު ނިމުނުއިރު ހަތަރު ލައްކަ ފަންސާސްހާސް ގަސް އިންދާފައިވާއިރު، 4 މިލިޔަން ގަސް އިންދުމަށްވަނީ ޕްލެޖްކޮށްފައިވާއިރު، 90 ބާވަތެއްގެ ގަސް އެތެރެކޮށް އިންދުމުގެ ފުރުޞަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް