ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު އޮންނަ "އަހާ" ފޯރަމް މިރޭ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް.) ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްތަކުގެ ސިލްސިލާގެ ތެރެއިން ފޯރަމެއް މިރޭ 9:00 ގައި ޕީ.އެސް.އެމްގެ ސްޓޫޑިއޯގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންގެ ތެރޭގައި، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރ މުޙައްމަދު ސަޢީދު، އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް، އަދި ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.
މި ފޯރަމަކީ ސަރުކާރުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުން ރައްޔިތުންނާ ހިއްސާކުރައްވާނެއެވެ.
ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ދެގޮތަކަށް ހުޅުވާލެވިފައެވެ. އެގޮތުން، ޕީ.އެސް.އެމްގެ ސްޓޫޑިއޯއަށް ވަޑައިގެން ސީދާ ބައިވެރިވެވޭނެ އަދި ފޯރަމް ހިނގަމުންދާއިރު ސޯޝަލް މީޑިޔާ މެދުވެރިކޮށްވެސް ސުވާލު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް