ޝަޢުބާންމަހު އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއްކަމުގައި ދެކި، މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. "ޝަޢުބާން މަހުގައި ހެޔޮ އަމަލުކުރުން" މި މައުޟޫޢުގައި ދެވުނު ޚުޠުބާގައި، ޝަޢުބާން މަހަކީ އެތައް ގޮތަކުން ޚާއްސަ މަހެއްކަން ފާހަގަކުރެވުނެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ޝަޢުބާން މަހަކީ ރަމަޟާންމަހާއި ރަޖަބު މަހާ ދެމެދުގައިވާ، އަދި ގިނަ މީހުން އެމަހާމެދު ޣާފިލުވާ މަހެކެވެ. އަދި މިއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ހަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މަހެއްކަންވެސް ފާހަގަކުރެއްވިއެވެ.
"ވެހޭތާ ފެންނަގާށޭ" ބުނާ ފަދައިން، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ހެޔޮ ޢަމަލު ކުރުމުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރާށެވެ! މިފަދައިން ޚުޠުބާގައި ވިދާޅުވަމުން، ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތްﷲ އަޅުތަކުން ސަލާމަތްކުރައްވާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށް ޚުޠުބާގައި ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ރަމަޟާންމަހުގެ އަޅުކަމަށް ވަގުތު ދެވޭގޮތަށް ވަގުތުތައް ރޭވުމަށާއި، ރަމަޟާން މަހުގައި އިސްރާފުކުރުމަކީ އޮތްކަމެއް ނޫންކަންވެސް ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި މާތްﷲ ގެ ހަޟްރަތުގައި ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮޢަމަލެވެ. އަދި މި ބަރަކާތްތެރި މޫސުމުގައި މާތް ނަބިއްޔާގެ ނަމޫނާއާ އެއްގޮތަށް ހެޔޮ ޢަމަލުކުރުންމަތީ ސާބިތުވެ ތިބުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް