ވެލާނާ އެއާޕޯޓުގައި 35 އީ-ގޭޓް ހަރުކޮށް، ފަތުރުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގައި 35 އީ-ގޭޓް ހަރުކޮށް، ދިވެހިންގެ އިތުރުން ފަތުރުވެރިންނަށް ވެސް އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް ދޭން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފަތުރުވެރިންނަށް ހުޅުވާލުން ފާހަގަކުރުމަށް ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާނެވެ.

އާ ޓާމިނަލްގެ އެރައިވަލްގައި 20 އީ-ގޭޓާއި ޑިޕާޗަރގައި 15 އީ-ގޭޓް ވަނީ ހަރުކޮށްފައެވެ. މީގެ ކުރިން މި ޚިދުމަތް ލިބެމުން ދިޔައީ އިލެކްޓްރޯނިކް ޕާސްޕޯޓުގައި ދަތުރުކުރާ ދިވެހިންނަށް އެކަނިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ފުރަތަމަ މަރުޙަލާގައި އީ-ގޭޓް ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ 46 ޤައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށާއި، މި ނިޒާމުގައި މިހާތަނަށް ބައިވެރިވެފައިވާ 31 އެއާލައިނެއްގެ ފަސިންޖަރުންނަށް ކަމަށެވެ.

ބޭރުގެ ފަރާތްތަކަށް މިހާ ފުޅާ ދާއިރާއެއްގައި އޮޓޮމޭޓެޑް ސީމްލެސް އިމިގްރޭޝަން ކްލިއަރެންސް ދޭ، ދެކުނު އޭޝިއާ ސަރަޙައްދުގެ ފުރަތަމަ ޤައުމަކަށް މިއާއެކު ރާއްޖެ ވެގެންދާނެއެވެ.

އީ-ގޭޓްތަކުގައި ބޭނުންކުރަނީ މޫނާއި ލޮލުގެ ކަޅީގެ ސިފަތައް ދެނެގަނެވޭ ބަޔޯމެޓްރިކް ޓެކްނޮލޮޖީއެވެ. ފަސިންޖަރުގެ ޝަޚްޞު ކަށަވަރުކޮށް، އިލެކްޓްރޯނިކް ޕާސްޕޯޓުގައިވާ މައުލޫމާތާ އަޅާކިޔުމަށްފަހު، ކޮންމެ ފަސިންޖަރަކަށް 6 އާއި 7 ސިކުންތާ ދެމެދުގެ ވަގުތުކޮޅެއްގައި ކްލިއަރެންސް ނިންމާލެވޭނެއެވެ.

ޕާސްޕޯޓު ޗިޕުގައިވާ މައުލޫމާތުގެ ސައްހަކަމާއި، ޗިޕަކީ އަސްލު ޗިޕެއްކަން ކަށަވަރުކުރުމުގެ ފިޔަވަޅުތައް ވެސް މި ނިޒާމުގައި ހިމެނޭއިރު، މީގެ ސަބަބުން އައިޑެންޓިޓީ ފްރޯޑް ހުއްޓުވައި ބޯޑަރުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަވާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން، ފަތުރުވެރިންގެ ވިސާގައި ރާއްޖެ އަންނަ ބިދޭސީން ކައުންޓަރު ނުވަތަ އީ-ގޭޓް މެދުވެރިކޮށް ކްލިއަރެންސް ނިންމުމުން އޮޓޮމޭޓެޑް އީ-ވިސާއެއް ދޫކުރަން ވެސް ފަށާފައިވެއެވެ. "އިމުގާ" ޕޯޓަލުން ޓްރެވެލަރ ޑެކްލަރޭޝަން ފުރިހަމަކުރާއިރު ދޭ އީމެއިލަށް ވިސާގެ ތަފްސީލާއި ރާއްޖޭގައި ހުރެވޭނެ މުއްދަތު ވަގުތުން ލިބޭނެއެވެ. ފަތުރުވެރިޔާ ރާއްޖެއިން ފުރުމާއެކު އެ ވިސާ އަމިއްލައަށް ކެންސަލްވާނެއެވެ.

ދުވާލަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރާ ރާއްޖެއަށް މި ޚިދުމަތުން، ޚާއްޞަކޮށް އެއާޕޯޓު ބާރުބޮޑުވާ ވަގުތުތަކުގައި އިމިގްރޭޝަން ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ ފަސިންޖަރުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް