ހިޔާނާތުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ހުކުމުގެ ބާކީބައި ގޭބަންދުގައި ތަންފީޒުކުރުމަށްޓަކައި، ރޭ 9:35 ހާއިރު ފުލުހުންގެ ވަރުގަދަ ސެކިއުރިޓީއާއެކު ކާޖަންގް ޖަލުން ކުއާލަ ލަމްޕޫރުގައި ހުންނަ އޭނާގެ ގެޔަށް ބަދަލުކޮށްފިއެވެ.
ނަޖީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު މެލޭޝިއާގެ ރަސްގެފާނު ޝަރުތުތަކާއެކު ދެއްވި ލުޔާއާ އެއްގޮތަށް، ހުކުމުގެ ބާކީ ބައި ގޭބަންދުގައި ތަންފީޒުކުރެވޭ ގޮތަށެވެ.
ގޭގައި ހުންނެވި ނަމަވެސް ނަޖީބުގެ ހައިސިއްޔަތަކީ ޖަލު ގައިދީއެއްގެ ހައިސިއްޔަތު ކަމަށާއި، ހުއްދަ ނެތި ގެއިން ބޭރަށް ނުކުމެވަޑައިގަތުމާއި ޖަލުގެ އުސޫލުތަކާ ހިލާފަށް މީހުންނާ ބައްދަލުކުރެއްވުން މަނާ ކަމަށް އޭނާގެ ވަކީލު ވިދާޅުވެފައިވެއެވެ.
ނަޖީބަށް ޖަލު ހުކުމް ކުރެވުނީ މެލޭޝިއާގެ ސަރުކާރުގެ އިންވެސްޓްމަންޓް ފަންޑެއް ކަމަށްވާ ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) އާ ގުޅޭ ހިޔާނާތުގެ މައްސަލައެއްގައެވެ. އޭނާ މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2009 ވަނަ އަހަރުން 2018 ވަނަ އަހަރާ ހަމައަށެވެ.





