އެމެރިކާ އުޅެނީ އުއްމީދު ކަނޑާލާފައިވާ ޖުވާކުޅޭ މީހެއް ފަދައިން: އީރާން

އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ހަނގުރާމަ ނިމުމާ ދިމާއަށް ދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން، އެމެރިކާ އުޅެނީ އުއްމީދު ކަނޑާލާފައިވާ ޖުވާކުޅޭ މީހެއް ފަދައިން ކަމަށް ބުނެ އީރާނުން ރައްދުދީފިއެވެ.

އީރާނުގެ އިސް ސެކިއުރިޓީ އޮފިޝަލް މުޙްސިން ރިޒާއީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއިން ބަލި ގަބޫލުކޮށް، ޚިޔާލީ މަޝްވަރާތަކާ ބެހޭ ދޮގު ޚަބަރު ފެތުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ވޮޝިންޓަންގައި ޤަޠަރުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމާ ދިމާއަށް ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށެވެ. ޤަޠަރަކީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤައުމެކެވެ.

ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީ ފަދަ ގަލްފުގެ ޤައުމުތަކުން ބޭނުންވަނީ ހާލަތު މިހާރު އޮތް ގޮތަށް ދެމެހެއްޓުމަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް އެކްސްގައި ވިދާޅުވީ، އިސްރާއީލުން މަސައްކަތްކުރަނީ ނިމުމެއް ނެތް ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްޓާލަން ކަމަށާއި، "އިސްރާއީލް ފަސްޓް" ވިސްނުން އެމެރިކާއިން ދޫކޮށްނުލާނަމަ، އެ ޤައުމާއި އޭގެ ބައިވެރިންގެ މިސްރާބު ހުންނާނީ އަނދިރިކަމާ ދިމާއަށް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް