އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތަކަށާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ވަދެ ނިކުމެވާ ހުރިހާ އުޅަނދުފަހަރެއް ހުއްޓުވައި، ކަނޑުގެ މަގުން އީރާނު ބަންދުކުރުމުގެ (ބްލޮކޭޑް) އޮޕަރޭޝަނެއް ފަށައިފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އާދީއްތަ ދުވަހު ބުނި ގޮތުގައި، މި ފިޔަވަޅު ތަންފީޒު ކުރުމުގައި އެއްވެސް ގައުމެއްގެ އުޅަނދަކަށް އިސްތިސްނާއެއް ނުދޭނެއެވެ.
މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ އަރަބި ކަނޑުއޮޅި އާއި އޮމާން ކަނޑުއޮޅީގައި ހުރި އީރާނުގެ މަރުކަޒުތަކަށެވެ. ނަމަވެސް، އީރާނު ނޫން އެހެން ގައުމުތަކަށް (މިސާލަކަށް ޔޫ.އޭ.އީ ނުވަތަ ސައޫދީ އަރަބިއްޔާ) ދަތުރުކުރާ އުޅަނދުފަހަރަށް، އިސްތިރާތީޖީ ގޮތުން މުހިންމު ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށް އެ ފަރާތުން ކަށަވަރުކޮށްދެއެވެ.
މި ހިސާރުކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ޕާކިސްތާނުގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތައް އެއްވެސް އެއްބަސްވުމަކަށް ނާދެވި، މިދިޔަ ބަންދު ދުވަސްތަކުގައި ނާކާމިޔާބުވުމާ ގުޅިގެންނެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ހޯރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށް، އީރާނަށް ފީ ނުވަތަ ޓެކްސް ދައްކާ އުޅަނދުފަހަރު ހުއްޓުވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އަދި ހިސާރުކޮށްފައިވާ ސަރަހައްދަށް ކައިރިވާ އީރާނުގެ ކޮންމެ އުޅަނދެއް "ވަގުތުން އަދި ހަރުކަށިކަމާއެކު" ނައްތާލާނެ ކަމަށް ސޯޝަލް މީޑިއާގައި ވިދާޅުވެ، އީރާނުގެ ކަނޑުގެ ސިފައިންނަށް މީގެ ކުރިންވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.





