އީރާނުން ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނަގައި "ފޭރެމުންދާ" ކަމަށާއި، ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވުމުން ވެސް މުހިންމު ކަނޑުގެ ސަރަހައްދު ހުޅުވާލުމަށް އީރާނުން ދެކޮޅުހަދާފައިވާ ކަމަށް ތުހުމަތުކުރައްވައި، ހޯރްމުޒް ކަނޑުއޮޅިން ވަންނަ އަދި ނުކުންނަ އުޅަނދުފަހަރު އެމެރިކާގެ ނޭވީން ހުރަސްއަޅައި ބަންދުކުރަން ފަށާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު އިއުލާން ކުރައްވައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އެއްވެސް އެއްބަސްވުމަކަށް ނާދެވި ނިމުމާ ގުޅިގެންނެވެ. ޓްރަމްޕް 'ޓްރުތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ: "މިހިނދުން ފެށިގެން، އެމެރިކާގެ ނޭވީން. ހޯރްމުޒް ކަނޑުއޮޅިއަށް ވަންނަން ނުވަތަ އެތަނުން ނުކުންނަން މަސައްކަތްކުރާ ކޮންމެ އުޅަނދެއް ހުއްޓުވުމުގެ މަސައްކަތް ފަށާނެ." މީގެ އިތުރުން އީރާނަށް ފީ ދައްކާ އުޅަނދުފަހަރު ހުއްޓުވުމަށް ވެސް ޓްރަމްޕު ނޭވީއަށް އަމުރުކުރެއްވިއެވެ.
ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، އޭޕްރިލް 14، 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 (އީރާނު ގަޑިން ހަވީރު 5:30) ގައި ފަށާ މި ބްލޮކޭޑް އަމާޒުކުރާނީ އީރާނުގެ ހުރިހާ ބަނދަރުތަކަކަށާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ދަތުރުކުރާ އަދި އެތަންތަނުން އަންނަ އުޅަނދުފަހަރަށެވެ. ނަމަވެސް، އީރާނު ނޫން އެހެން ގައުމުތަކުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުފަހަރަށް މިކަމުގެ ސަބަބުން ހުރަހެއް ނޭޅޭނެއެވެ.
މިއީ ގަލްފުގެ ބައިވެރި ގައުމުތަކުގެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ފުރުސަތު ދެމުން، އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް ނިންމި ނިންމުމެކެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރާ މި މުހިންމު ސަރަހައްދަށް ކުރިމަތިވި މި ނިންމުމާއެކު، ތެލުގެ އަގު ވަނީ ވަގުތުން އުފުލިފައެވެ. އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު 8 އިންސައްތަ އުފުލުނުއިރު، ބްރެންޓް ކްރޫޑްގެ އަގު ވަނީ 7 އިންސައްތަ މައްޗަށް ގޮސްފައެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ވަނީ، އެމެރިކާގެ އަސްކަރީ އުޅަނދުފަހަރު ކައިރިވެއްޖެނަމަ އެއީ މިހާރު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުން ކަމަށާއި، އެހެން އަމަލުކޮށްފި ނަމަ "ހަރުކަށި ފިޔަވަޅު އަޅާނެ" ކަމުގެ އިންޒާރު ދީފައެވެ.





