އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން، ހޯރްމޫޒް ކަނޑުއޮޅިއާ ކައިރިވާ އަސްކަރީ މަނަވަރުތަކަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން އާދީއްތަ ދުވަހު ބުނެފައިވަނީ، ހޯރްމޫޒް ކަނޑުއޮޅިއާ ކައިރިވާން މަސައްކަތްކުރާ ކޮންމެ އަސްކަރީ އުޅަނދަކާ މެދު "ހަރުކަށި އަދި ވަރުގަދަ ފިޔަވަޅުތަކެއް" އަޅާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ކުރީކޮޅު 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން އެ ސަރަހައްދުގައި އަޅާފައިވާ މައިންތައް ނައްތާލުމުގެ މަސައްކަތް އެމެރިކާއިން ފަށާނެ ކަމަށެވެ. އަދި "އަހަރެމެންނަށް ނުވަތަ އާންމު އުޅަނދުފަހަރަށް ހަމަލާދޭ ކޮންމެ އީރާނު މީހަކު ނަރަކައަށް ފޮނުވާލާނެ" ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އައި.އާރު.ޖީ.ސީ އާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޯރްމޫޒް ކަނޑުއޮޅިއަކީ "ވިސްނުންތެރިކަމާއެކު ބަލަހައްޓަމުންދާ" ތަނެއް ކަމަށާއި، ކަނޑުގެ ގަވާއިދުތަކަށް އަމަލުކުރާ އާންމު އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ނަމަވެސް، އެއްވެސް ބަހާނާއެއް ދައްކައިގެން ހޯރްމޫޒް ކަނޑުއޮޅިއާ ކައިރިވާން މަސައްކަތްކުރާ އަސްކަރީ މަނަވަރުތަކަކީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވާ ފަރާތްތަކެއްގެ ގޮތުގައި ބަލާނެ ކަމަށާއި، އެފަދަ އުޅަނދުތަކަށް ހަރުކަށި އަދި ވަރުގަދަ ރައްދެއް ދޭނެ ކަމަށް އައި.އާރު.ޖީ.ސީގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.




