ބޮލީވުޑްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް އަޑުގެ ވެރިޔާ، އިންޑިއާގެ މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، އުމުރުން 92 އަހަރުގައި މިއަދު މުމްބާއީގައި މަރުވެއްޖެ އެވެ.
އޭނާ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ވަރުބަލިވުމާއި ފުއްޕާމޭގެ އިންފެކްޝަނެއްގެ ސަބަބުން މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ އަވަހާރަވީ، ގުނަވަންތައް ފެއިލްވުމުގެ ސަބަބުން އޭގެ އަނެއް ދުވަހުއެވެ.
1933 ސެޕްޓެމްބަރު 8 ގައި އުފަންވި އާޝާ ބޯސްލޭ ވަނީ ހަތް ދަހަަރަށްވުރެ ދިގު މުއްދަތެއްގައި މިއުޒިކީ ދާއިރާގައި މަސައްކަތް ކޮށްފައެވެ.
ހިންދީ، މަރާޓީ އަދި އިންޑިއާގެ އެކި ބަސްބަހުން އެތައް ހާސް ލަވައެއް އޭނާ ކިޔާފައިވާއިރު، އެސް.ޑީ ބަރުމަން، އާރް.ޑީ ބަރުމަން އަދި ލަކްޝްމީކާންތު-ޕިޔާރޭލާލް ފަދަ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރުންނާއެކު އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.
ހުރިހާ ވައްތަރެއްގެ ލަވަތަކަށްވެސް ކުޅަދާނަ އާޝާ ވަނީ ލޯބީގެ ލަވަތަކާއި، ކެބަރޭ ނަންބަރުތަކުގެ އިތުރުން ދީނީ ލަވަތަކާއި ޕޮޕް ލަވަތައްވެސް ކިޔާފައެވެ.
އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ދަމް މާރޯ ދަމް"، "ޔޭ މޭރާ ދިލް"، "ޗުރާ ލިޔާ ހޭ ތުމްނޭ" އަދި "ޕިޔާ ތޫ އަބް ތޯ އާޖާ" ހިމެނެއެވެ.
އާޝާ އަކީ އިންޑިއާގެ މަޝްހޫރު މިއުޒިކީ އާއިލާ ކަމަށްވާ މަންގޭޝްކަރް އާއިލާގެ މެންބަރެކެވެ. އަދި އޭނާ އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްގެ ކޮއްކޮއެވެ.
އޭނާގެ މިއުޒިކީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޕަދްމާ ވިބޫޝަން، ދާދާސާހެބް ޕާލްކޭ އެވޯޑް އަދި ފިލްމްފެއާގެ ގިނަ އެވޯޑްތަކެއް ވަނީ ލިބިފައެވެ.
އާޝާ އަވަހާރަވުމާ ގުޅިގެން ފިލްމީ ދާއިރާގެ ފަންނާނުންނާއި، ސިޔާސީ ލީޑަރުން އަދި އޭނާގެ ފޭނުން ދަނީ ތައުޒިޔާ ފޮނުވަމުންނެވެ. ގިނަ ބަޔަކު އޭނާ ސިފަކުރަނީ އިންޑިއާގެ ސިނަމާގެ އެތައް ޖީލެއްގެ އަޑު ބައްޓަންކޮށްދިން ލެޖެންޑެއްގެ ގޮތުގައެވެ.




