އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ފާޑުވިދާޅުވުމާ ގުޅިގެން، ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމަށް ގެންގުޅުނު ރޭވުން މެދުކަނޑާލުމަށް އިނގިރޭސި ސަރުކާރަށް ވަނީ މަޖުބޫރުވެފައެވެ.
ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ސިޔާދަތީ ބާރު ދޫކޮށްލުމާއެކު، ދިއޭގޯ ގާސިއާގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ މުހިންމު އަސްކަރީ މަރުކަޒަށް 99 އަހަރުގެ ލީހެއް ކަށަވަރުކުރުން ހިމެނޭ މި އެއްބަސްވުން މުޅިން އުވާލަނީއެއް ނޫނެވެ. ނަމަވެސް، މިކަމަށް ބޭނުންވާ ގާނޫނު ފާސްކުރުމަށް މިހާރު ހިނގަމުންދާ ޕާލަމެންޓް ދައުރުގައި އެކަށީގެންވާ ވަގުތެއް ނެތެވެ.
އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ސީއެންއެންއަށް ވިދާޅުވީ، "މި އެއްބަސްވުމަކީ އެ މަރުކަޒުގެ މުސްތަގުބަލު ދިގު މުއްދަތަކަށް ރައްކާތެރިކުރުމަށް އޮތް އެންމެ ރަނގަޅު މަގު ކަމަށް އިނގިރޭސިވިލާތުން އަދިވެސް ގަބޫލުކުރާ" ކަމަށެވެ. އަދި "ދިއޭގޯ ގާސިއާއަކީ އިނގިރޭސިވިލާތާއި އެމެރިކާއަށް ވެސް އިސްތިރާޖީ ގޮތުން މުހިންމު އަސްކަރީ މިލްކިއްޔާތެއް" ކަމަށާއި، އެތަނުގެ އޮޕަރޭޝަނަލް ސަލާމަތްތެރިކަން ދިގު މުއްދަތަކަށް ކަށަވަރުކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ތާއީދާ ނުލައި މި އެއްބަސްވުމާއިގެން ކުރިއަކަށް ނުދެވޭނެއެވެ. އެނގިފައިވާ ގޮތުގައި، އެއްވެސް މުއާހަދާއެއް ތަންފީޒުކުރުމުގެ ކުރިން ބަދަލުކުރަންޖެހޭ އާންމު ޑިޕްލޮމެޓިކް ލިޔެކިޔުންތައް (ނޯޓްސް) އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު އަދި ބަދަލުކޮށްފައެއް ނުވެއެވެ. އަދި އަންނަ މަހު އޮންނަ، ކުރިއަށް އޮތް އަހަރުގެ ސަރުކާރުގެ ގާނޫނީ އެޖެންޑާ ބަޔާންކުރާ "ކިންގްސް ސްޕީޗް" ގައި ވެސް މި ބިލު ހިމަނާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އެއްބަސްވުން ފުރަތަމަ އިއުލާންކުރިއިރު އެމެރިކާގެ ތާއީދު އޮތެވެ. އެ އެއްބަސްވުމުގެ ދަށުން، ދިއޭގޯ ގާސިއާގެ 99 އަހަރުގެ ލީހަށް އިނގިރޭސިވިލާތުން އަހަރަކު 101 މިލިއަން ޕައުންޑް (136 މިލިއަން ޑޮލަރު) މޮރިޝަސްއަށް ދައްކަން ޖެހެއެވެ. އަދި އިސްތިރާޖީ ގޮތުން މުހިންމު އެ ވައިގެ އަދި ކަނޑުގެ މަރުކަޒުގެ ފުރިހަމަ ބޭނުން ހިފުމުގެ އިޚްތިޔާރު އިނގިރޭސިވިލާތާއި އެމެރިކާއަށް އޮންނާނެއެވެ.
ނަމަވެސް، ފަހުން ރައީސް ޓްރަމްޕް ވަނީ މި ރޭވުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ. ޖެނުއަރީ މަހު އޭނާ ވަނީ މިއީ "ވަރަށް ބޮޑު މޮޔަކަމެއް" ކަމަށް ސިފަކުރައްވާފައެވެ. ފެބްރުއަރީ މަހު އޭނާގެ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި "ދިއޭގޯ ގާސިއާ ދޫކޮށްނުލާ!" އޭ ވިދާޅުވެ، އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް އެ މަރުކަޒު ބޭނުންވެދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
އީރާނާ ދެކޮޅަށް ހިންގާފާނެ ހަމަލާތަކަށް ދިއޭގޯ ގާސިއާ ހިމެނޭ ގޮތަށް އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުތައް ބޭނުންކުރުމަށް ޓްރަމްޕް ކުރެއްވި އެދުމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ހުރަސްއެޅުއްވި ކަމަށް ރިޕޯޓްތައް ބުނުމާއެކު، މަސްލަހަތު އިތުރަށް ގޯސްވިއެވެ.
ޗާގޯސް ޖަޒީރާގެ މައްސަލައަކީ އިނގިރޭސިވިލާތުގެ އިސްތިއުމާރީ ތާރީޚާ ގުޅިފައިވާ މައްސަލައެކެވެ. 1965 ވަނަ އަހަރު އިނގިރޭސިވިލާތުން އެ ޖަޒީރާތައް މޮރިޝަސްއާ ވަކިކުރީ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށެވެ. އޭގެ ސަބަބުން ޗާގޯސްގެ ގިނަ ރައްޔިތުންތަކެއް ވަނީ މަޖުބޫރުން އެމީހުންގެ ގެދޮރުން ބޭރުކޮށްލާފައެވެ. މޮރިޝަސްއިން އެތަނުގެ ސިޔާދަތީ ބާރަށް ވަކާލާތު ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ "ވީހާވެސް އަވަހަކަށް" އެ ޖަޒީރާތައް އަނބުރާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަމުރުކޮށްފައެވެ. އެ ނިންމުމަކީ ގާނޫނީ ގޮތުން މަޖުބޫރު ނިންމުމަކަށް ނުވި ނަމަވެސް، މި މައްސަލަ ހައްލުކުރުމަށް އިނގިރޭސިވިލާތަށް ބައިނަލްއަގުވާމީ ފިއްތުންތައް ވަނީ އިތުރުވެފައެވެ.
1971 ވަނަ އަހަރު ގާއިމުކުރި ދިއޭގޯ ގާސިއާ މަރުކަޒަކީ އިރާގަށް އެރުމާއި އޭޝިއާގެ އެކި ސަރަހައްދުތަކަށް ދުރު ރާސްތާގެ ބޮންއަޅާ ބޯޓުތައް ފޮނުވުން ހިމެނޭ ގޮތަށް، އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ތަނެކެވެ.
އިނގިރޭސި ސަރުކާރުން ދަނީ މި މައްސަލައިގައި އެމެރިކާ އާއި މޮރިޝަސްއާ އެކު މަޝްވަރާ ކުރަމުންނެވެ.





