އެމެރިކާއާއި އިސްރާއީލުން ވައުދުތަކާ ޚިލާފުވެއްޖެ ހާލަތެއްގައި، ހަމަލާދިނުމަށް ފުރިހަމައަށް ތައްޔާރުވެގެން ތިބިކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ.
އައި.އާރު.ޖީ.ސީ އިން ހާމަކުރި ގޮތުގައި، އެ ލަޝްކަރުން ވަނީ އެގައުމުގެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިވެފައެވެ.
ނަމަވެސް، އެފަރާތްތަކުގެ "އަތްވަނީ ބަޑީގެ ޓްރިގާއަށް ފިއްތަން ތައްޔާރަށް" ކަމަށް ބުނެ، ހަނގުރާމައިގެ ތައްޔާރީ ހާލަތުގައި ތިބިކަން ވަނީ ހާމަކޮށްފައެވެ.
އެމެރިކާއާއި އިސްރާއީލަށް އިޝާރާތްކޮށް އީރާނުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ފައުޖުން ބުނީ، "ދުޝްމަނުންނަކީ އަބަދުވެސް އޮޅުވާލާ ބައެއް ކަމަށާއި، އެމީހުންގެ ވައުދުތަކަށް އެއްވެސް އިތުބާރެއް ނެތް" ކަމަށެވެ.
އަދި ދުޝްމަނުންގެ ފަރާތުން ކުރިމަތިވާ ކޮންމެ އުދުވާނީ ހަމަލާއަކަށް، މާ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް އެ ފައުޖުން ވަނީ ދީފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު އޮތް އިތުބާރު ނެތުމުގެ މައްސަލައަކީ ހަމައެކަނި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އޮތް ކަމެއް ނޫނެވެ.
މިއީ އީރާނުގެ ރައްޔިތުންނާއި އެމެރިކާގެ ސަރުކާރާ ދެމެދުގައިވެސް އޮތް ބޮޑު ނުތަނަވަސްކަމެކެވެ. މާޒީގައި ކުރެވުނު ބައެއް މަޝްވަރާތަކަށް ބަލާއިރު، މަޝްވަރާގެ މަރުހަލާ ކުރިއަށްދަނިކޮށް ނުވަތަ މަޝްވަރާތައް ނިމުނުތަނާހެން ހަނގުރާމަތައް ފެށިފައިވާކަން ފާހަގަކުރެވެއެވެ.
އެހެންކަމުން، މިހާރު އިއުލާންކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާމެދު އީރާނުން އަމަލުކުރަމުންދަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. މިއީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމަކަށް ވާތީ، މިކަމުގައި ހުރި ނުރައްކާތަކަށް ރައްޔިތުންވެސް ވަރަށް ބޮޑަށް ސަމާލުވާނެއެވެ.





