48 ގަޑިއިރުގެ ތެރޭގައި ސުލްޙައިގެ އެއްބަސްވުމެއް ގަބޫލުނުކޮށްފިނަމަ، އީރާނުގެ މުހިންމު އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކަށް އީރާނުގެ އަސްކަރިއްޔާއިން ރައްދުދީ، ދެކޮޅު ހަދައިފި އެވެ.
ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާާޒްގެ ފަރާތުން ޖެނެރަލް ޢަލީ ޢަބްދުﷲ އަލީއާބާދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ ރައީސްގެ މި އިންޒާރަކީ "ނާކާމިޔާބީއާއި، ނުތަނަވަސްކަމާއި، ހަމަޖެހުން ގެއްލިފައިވާ މީހަކު ކުރި މޮޔަ ޢަމަލެއް" ކަމަށެވެ.
"އެމެރިކާއާއި ޒަޔަނިސްޓު ދުޝްމަނުންގެ ފަރާތުން އެއްވެސް ކަހަލަ އުދުވާނީ ހަމަލާއެއް ކުރިމަތިވެއްޖެނަމަ، އެމެރިކާގެ ޓެރަރިސްޓު ސިފައިން ބޭނުންކުރާ ހުރިހާ ވަސީލަތްތަކަކަށާއި، ޒަޔަނިސްޓު އިސްތިއުމާރުގެ އުމްރާނީ ވަސީލަތްތަކަށް، އެއްވެސް ހުދޫދެއް ނެތި މެދުކެނޑުމެއްނެތް ވަރުގަދަ ހަމަލާތަކެއް އަހަރެމެން ފޮނުވާލާނަން،" ޢަލީއާބާދީ ވިދާޅުވިއެވެ.
ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް'ގައި ކުރެއްވި ޕޯސްޓެއްގައި ބުނީ "އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް 10 ދުވަހުގެ މުހުލަތެއް އަހަރެން ދިން ހަނދާން އެބަހުރި ހެއްޔެވެ؟ ވަގުތު މިދަނީ ހުސްވަމުންނެވެ. ނަރަކައިގެ ހުރިހާ އަޒާބެއް އެމީހުންގެ މައްޗަށް އޮހިގަތުމަށް ބާކީ އޮތީ 48 ގަޑިއިރެވެ."
މިކަމަށް ރައްދު ދެއްވަމުން އަލީއާބާދީ އިންޒާރު ދެއްވީ "މި މެސެޖުގެ ސާދާ މާނައަކީ ނަރަކައިގެ ދޮރުތައް ހުޅުވިގެންދާނީ ތިޔަބައިމީހުންނަށް ކަމެވެ."
އިރާނުން ވަނީ އިއްޔެ އާއި މިއަދު އެމެރިކާގެ3 ހަނގުރާމަ މަތީ ބޯޓު ވައްޓާލާފައެވެ.





