އީރާނުގެ ފާރްސް އަދި ތަސްނީމް ނިއުސް އެޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުމާ ބެހޭ ގާނޫނެއް ފާސްކުރުމަށް އެ ގައުމުގެ މަޖިލީހުން ދަނީ މަސައްކަތް ކުރަމުންނެވެ.
އީރާނު މަޖިލީހުގެ ސިވިލް އެފެއާޒް ކޮމިޓީގެ މުގައްރިރާ ހަވާލާދީ އެ ނޫސްތަކުން ބުނެފައިވަނީ، މިކަމާ ގުޅޭ ގާނޫނުގެ ދެލިކޮޕީ މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް މަޖިލީހުގެ ގާނޫނީ ޓީމުން އެ މަސައްކަތް ނިންމާލާނެ ކަމަށެވެ.
އެ ކޮމިޓީގެ މުގައްރިރު ވިދާޅުވި ގޮތުގައި، މި އިސްލާހުގެ ދަށުން ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އީރާނުން ފީ ނަގަން ޖެހެއެވެ.
"މިއީ ދުނިޔޭގެ އެހެން ކޮރިޑޯތަކެކޭ އެއްފަދައިން އަމަލުކުރަންޖެހޭ ގުދުރަތީ އުސޫލެއް. ގައުމެއްގެ ސަރަހައްދީ ރޮނގުގެ ތެރެއިން މުދާ އުފުލާ ނަމަ ޑިއުޓީ ދައްކަންޖެހޭ. ހޯރްމުޒް ކަނޑުއޮޅިއަކީ ވެސް އެފަދަ މަގަކަށް ވާއިރު، އެ ތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އަޅުގަނޑުމެން ކަމަށްވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރާއި ތެޔޮ ޓޭންކަރުތަކުން ފީ ނެގުމަކީ އެންމެ އިންސާފުވެރި ގޮތް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހަޅާފައިވާ ފަސް ޝަރުތުގެ ތެރޭގައި، ހޯރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނަށް އޮތް ބާރުވެރިކަން ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރުން ހިމެނޭކަން ވެސް ފާހަގަކުރެވެއެވެ.




