2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފާޑުކީ ފަރާތްތަކުން ފަތުރަނީ ނަފްރަތާއި ދޮގު ވާހަކަތައް ކަމަށް ތުހުމަތުކުރައްވައި، އެ މުބާރާތަކީ އެއްބައިވަންތަކަމާއި ރައްކާތެރިކަން ސާބިތުކޮށްދިން ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުޅުވާލެވިފައިވާ ސިޓީއެއް އާންމުކުރައްވާފައެވެ.
އިންސްޓަގްރާމްގައި އާންމުކުރެއްވި މި ސިޓީގައި އިންފަންޓީނޯ ވިދާޅުވީ، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވި، އަދި ސްޕެއިންއިން ކާމިޔާބުކުރި މި މުބާރާތް ބަލަން ދިޔަ 7 މިލިއަނަށްވުރެ ގިނަ ސަޕޯޓަރުންގެ އުފަލާއި އެއްބައިވަންތަކަން ފާޑުކިޔާ ފަރާތްތަކަށް ނުފެނުނު ކަމަށެވެ. އަދި ފީފާއިން ވަނީ އެއްވެސް ހަމަނުޖެހުމެއް ނެތި، 100 އިންސައްތަ ރައްކާތެރިކަމާއެކު ދުނިޔޭގެ އެންމެ ފުރިހަމަ ކުޅިވަރު ހަރަކާތް ބާއްވައިދީފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގެ ތެރޭގައި އެމެރިކާގެ ވިސާ މައްސަލަތަކާއި، އަސްކަރީ ނުވަތަ ސިޔާސީ ނުތަނަވަސްކަން އޮތް ގައުމުތަކުގެ ޓީމުތަކަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން ފީފާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
-
ވިސާގެ މައްސަލަތައް: ސޯމާލިއާގެ ރެފްރީ އުމަރު އަރުތާންއަށް ވިސާ އޮތް ނަމަވެސް އެމެރިކާއަށް އެތެރެވުން މަނާކުރުމާއި، އީރާނުގެ ޓީމަށް ދިމާވި ހުރަސްތަކާ މެދު ސުވާލު އުފެއްދިއެވެ. ނަމަވެސް އިންފަންޓީނޯ ވިދާޅުވީ، ވިސާ ނުލިބުނު މަދު ބަޔަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި އެތައް މިލިއަން ބަޔަކަށް ވިސާ ލިބުނުކަން ބަލައިގަންނަންޖެހޭނެ ކަމަށެވެ.
-
ރެފްރީންނާއި ސަސްޕެންޝަންގެ ނިންމުންތައް: އެމެރިކާގެ ކުޅުންތެރިޔާ ފޯލަރިން ބަލޯގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް ފީފާއިން ސަސްޕެންޑްކުރުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި، އިންފަންޓީނޯ ވިދާޅުވީ ރެފްރީންގެ ނިންމުންތަކާއި ސަސްޕެންޝަން ބާތިލުކުރުމަކީ ދުނިޔޭގެ އެންމެ ބޮޑެތި ލީގުތަކުގައިވެސް އާންމުކޮށް ހިނގާ ކަންކަން ކަމަށެވެ.
"ނަފްރަތާއި ފާޑުކިޔުންތަކުގެ ތެރޭގައި ތިއްބެވިވަރުން މުޅި މުބާރާތުގެ އުފާވެރިކަން ގެއްލިގެންދިޔައީ. ކޮމްޕިއުޓަރުތަކާއި ގަލަންތަކުގެ ފަހަތުގައި ތިބެގެން ނަފްރަތާއި ދޮގު ވާހަކަތައް ފަތުރާއިރު، ފީފާގެ މުވައްޒަފުން ތިބީ އެންމެ ކުރީ ސަފުގައި މަސައްކަތްކޮށް އެންމެ ފުރިހަމަ މުބާރާތް ބާއްވައިދޭން. ތިޔަބޭފުޅުން ބައިބައިކުރާއިރު، އަހަރެމެން ގުޅުވައިދެން." އިންފަންޓީނޯ
އިންފަންޓީނޯގެ ސިޓީ ނިންމަވާލައްވަމުން ވަނީ، ފާޑުކިޔާ ފަރާތްތަކުން ވިސްނައި، މުރާޖައާކޮށް، ނުވަތަ ފުޓްބޯޅަ މެޗެއް ބަލާލައިގެން ނަމަވެސް ހިތްހަމަޖެހުން ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ.



