ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ ޖޫން މަހު ބާއްވާ "ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕް" ގައި ވާދަކުރުމުގެ ދައުވަތު ޕާކިސްތާނުގެ ގައުމީ ޓީމަށް ދީފިއެވެ.
ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަން (ޕީއެފްއެފް) އާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމާ މެދު އެފްއޭއެމްއާ އެކު މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ޖޫން 1 އިން 10 އަށް ބާއްވާ މި މުބާރާތުގައި ބައިވެރިވާނެކަން އަވަށްޓެރި ސްރީ ލަންކާ އިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ބަންގްލަދޭޝް އަށް ވެސް މި މުބާރާތުގެ ދައުވަތު އެރުވި ނަމަވެސް، އެ ގައުމުން ވަނީ ޖޫން މަހު ޔޫރަޕްގައި ސެން މެރީނޯއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާތީ މި ފުރުސަތު ދޫކޮށްލާފައެވެ. ޕާކިސްތާނުން މި މުބާރާތަށް ޓީމެއް ފޮނުވުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނާއިރު، އެ ޓީމު އެންމެ ފަހުން ރާއްޖެ އައީ 2023 ވަނަ އަހަރު ލ. ގަމުގައި ކުޅުނު އެކުވެރިކަމުގެ މެޗަކަށެވެ.
އެފްއޭއެމް އިން މި މުބާރާތް ރާވާފައިވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚީ ރަންގަނޑު ފާހަގަކުރުމުގެ ގޮތުން ސަރަހައްދީ ފެންވަރުގެ ވަރުގަދަ ކުރިމަތިލުންތަކަކާ އެކުގައެވެ. މީގެ ކުރިން މި މުބާރާތުގެ 19 އަހަރުން ދަށުގެ ބައި ކުރިއަށް ގެންގޮސްފައިވަނީ ސްކޫލްތަކުގެ މެދުގައި ބޭއްވި ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ.





