ދިވެހި ނެޓްބޯޅައިގެ ރަސްކަން ކުރަމުން އަންނަ ކްލަބް މެޓްރިކްސް އިން، ރާއްޖޭގައި އަލަށް ބޭއްވި ގައުމީ ނެޓްބޯޅަ ލީގުގެ ތަށި އުފުލާލައި، އެ ޓީމުގެ ބާރުވެރިކަން އަނެއްކާވެސް ސާބިތުކޮށްދީފިއެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން މި އަހަރު އަލަށް ތައާރަފުކުރި މި ލީގު މެޓްރިކްސް އިން ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކުގައެވެ.
މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ވެސް ހޯދި މެޓްރިކްސް، މި ފަހަރުގެ ލީގު ޔަގީންކުރީ ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ ފަހު މެޗުގައި 99-14 އިން ޝައިނިން ސްޓާ ބަލިކުރިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޓްރިކްސްގެ އާމިނަތު ފިރުޝާ އެވެ.
މެޓްރިކްސްއާ އެންމެ ގާތުން ވާދަކުރި ކްލަބް ގްރީން ސްޓްރީޓްސް އަށް 12 ޕޮއިންޓާ އެކު ލިބުނީ ދެވަނަ މަގާމެވެ. ގްރީން ސްޓްރީޓްސް އިން ފަހު މެޗުގައި ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން ކްލަބް ބަލިކުރިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލަޔާން އަލީ ރަޝީދެވެ.
ލީގުގެ ތިންވަނަ ކޭވައިއާރުސީ އަށް ލިބުނުއިރު، އެމްވީ ނެޓާސް ހަތަރުވަނަ އަދި ޝައިނިން ސްޓާ ވަނީ ފަސްވަނަ ހޯދާފައެވެ. މި މުބާރާތުގައި ވާދަކުރި ހަ ޓީމުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅުނުވެ ތާވަލުގެ ފުލަށް ދިޔައީ އެން ސްޕޯޓްސް އެކަޑަމީއެވެ.
ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ މެޓްރިކްސް، ގްރީން، ކޭވައިއާރުސީ އަދި ނެޓާސް ދެން ވާދަކުރާނީ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައެވެ. ޝައިނިން ސްޓާ އާއި އެން ސްޕޯޓްސް އެކަޑަމީއަށް ފުރުސަތު ލިބޭނީ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަނުންނެވެ.




