ނިމިގެން މިދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަކީ ގިނަ ގޮންޖެހުންތަކަކާ އެކު ވެސް ވަރަށް ކާމިޔާބުކަމާ އެކު ނިންމާލެވުނު މުބާރާތެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީ އަހުމަދު ޒަރީރު ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި މިފަދަ ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމަކީ ލިބުނު ބޮޑު އުންމީދެއް ކަމަށެވެ. މިއީ މި އުމުރުފުރާގެ މުބާރާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.
މުބާރާތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފަރިތަކުރުންތައް ބާއްވާ ދަނޑުތަކުގެ ހާލަތު ގޯސްވުން ކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ބައެއް ގައުމުތަކުގެ ޝަކުވާ އައި ނަމަވެސް، މި މުބާރާތުގެ ސަބަބުން އެފްއޭއެމް މިހާރު އޮތް ހާލަތު ދެނެގަންނަން ފަސޭހަވި ކަމަށް އޭނާ ވިދާޅުވިއެވެ.
ދަނޑުތަކުގެ މައްސަލަ ހުރި ނަމަވެސް، ޓީމުތަކުގެ އެކަމަޑޭޝަން އާއި ޓްރާންސްޕޯޓް ފަދަ އިންތިޒާމުތަކާ މެދު ބައިވެރިވި ހަތް ގައުމުން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ރާއްޖެއިން ލިބުނު ފުރިހަމަ މެހެމާންދާރީއަށް ބޭރު ގައުމުތަކުގެ ކޯޗުން ވެސް ވަނީ ތައުރީފުކޮށްފައެވެ.
މި މުބާރާތުގެ ފޯރިގަދަ ފައިނަލްގައި އިންޑިއާއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 4-3 އިން ކުރި ހޯދައި ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝްއެވެ. މިއީ އެ ގައުމުން މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ.





