އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، އޭނާގެ ކެރިއަރުގައި ޖެހި 900 ވަނަ ލަނޑާއެކު އައު ހަރުފަތަކަށް ވާސިލުވެއްޖެއެވެ. މި ތާރީޚީ ލަނޑު އޭނާ ކާމިޔާބުކުރީ މިއާމީން ބުދަ ދުވަހުގެ ރޭ ނޭޝްވިލްއާ ދެކޮޅަށް ކުޅުނު ކޮންކަކާފް ޗެމްޕިއަންސް ކަޕްގެ ގަދަ 16 ގެ މެޗުގަ އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލެންޑިއޯ އެވޯޑް އަށް ފަހަރު ހޯދާފައިވާ މެސީ އޭނާގެ ކެރިއަރުގެ 900 ވަނަ ލަނޑު ޖެހީ ވާތު ފައިން، މެޗުގެ ހަތް ވަނަ މިނެޓުގަ އެވެ. މިއާއެކު މެސީ ވެފައި ވަނީ ރަސްމީ ރެކޯޑުތަކަށް ބަލާއިރު 900 ލަނޑު ހަމަކުރި ދުނިޔޭގެ ދެ ވަނަ ކުޅުންތެރިޔާއަށެވެ.
މި ލިސްޓުގެ ކުރީގައި އުޅޭ ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ 900 ލަނޑު ހަމަކުރީ ސެޕްޓެމްބަރު 2024 ގައެވެ. ނަމަވެސް، ރޮނާލްޑޯއާ އަޅާބަލާއިރު މެސީ މި ލަނޑޑުތައް ހަމަކުރީ ގާތްގަނޑަކަށް 100 މެޗު މަދުން ކުޅެގެންނެވެ.
މެސީގެ މި ކާމިޔާބީއަށް ކުޅިވަރުގެ ދުނިޔޭގެ އެކި ތަރިން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އެގޮތުން ބާސްކެޓްބޯޅަ ލެޖެންޑް މެޖިކް ޖޯންސަން ވަނީ މިއީ "ގަބޫލުކުރަންވެސް ދަތި އާދަޔާޚިލާފު ކާމިޔާބީއެއް" ކަމަށް ބުނެފައެވެ.
މެސީގެ ކެރިއަރުގައި އޭނާ އަށް ރިކޯޑެއް ހެދުނު ނަމަވެސް އިންޓަ މިއާމީގެ އެ މެޗު ނިމުނީ މެސީއަށް މާ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ. މެޗު 1-1 އިން އެއްވަރުވުމުން، "އަވޭ ގޯލް" އުސޫލުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ނޭޝްވިލްއެވެ.
އިންޓަރ މިއާމީއާއެކު މިހާރު 2028 ވަނަ އަހަރުގެ ނިޔަލަށް އައު އެއްބަސްވުމެއްގައި ހުރި މެސީއަކީ މިހާތަނަށް ފުޓްބޯޅައިގައި އެންމެ ގިނަ ކާމިޔާބީތައް (47 ތަށި) ހޯދާފައިވާ ކުޅުންތެރިޔާއެވެ. އޭނާގެ ލަނޑުތަކުގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ ލަނޑު ޖަހާފައިވަނީ ބާސެލޯނާއަށެވެ.
ކުރިއަށް އޮތްވޯލްޑް ކަޕްގައިވެސް އާޖެންޓީނާގެ ޖާޒީގައި މެސީ ފެންނާނެ ކަމަށް ބެލެވެއެވެ.




