ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ގަރަބަގް ކުޅުނު މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ. އަޒަރުބައިޖާންގެ ގަރަބަގްގެ ދަނޑުގައި ކުޅުނު މި މެޗުގައި ނިއުކާސަލް އިން ވަނީ މޮޅު ކުޅުމެއް ދައްކައި، ގަރަބަގްގެ ގޯލަށް އަމާޒުކޮށް ޖުމްލަ 14 ހަމަލައެއް ފޮނުވާލާފަ އެވެ.
މެޗު ފެށިގެން ތިންވަނަ މިނިޓުގައި އެންތޮނީ ގޯޑަން ވަނީ ލަނޑެއް ޖަހައި ނިއުކާސަލް އަށް ކުރި ހޯދައިދީފަ އެވެ. އަދި މެޗުގެ 8 ވަނަ މިނިޓުގައި މަލިކް ތިއާއޯ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ނިއުކާސަލްގެ ތިންވަނަ ލަނޑު 32 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ގޯޑަން ކާމިޔާބުކުރިއިރު، އޭގެ މިނިޓެއް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ދެވަނަ ޕެނަލްޓީއަކުން ގޯޑަން ވަނީ އޭނާގެ ހަތަރުވަނަ ލަނޑު ޖަހައި ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އެންތޮނީ ގޯޑަން ދެއްކި މޮޅު ކުޅުމާއެކު އޭނާ ވަނީ ކްލަބުގެ ލެޖެންޑް އެލަން ޝިއަރާގެ ރެކޯޑެއް މުގުރާލާފަ އެވެ. ގޯޑަން މިހާރު ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ނިއުކާސަލް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ 15 މެޗުން 10 ލަނޑު ހަމަކޮށްފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮތް ޝިއަރާ އަށް 10 މެޗުން ޖެހިފައިވަނީ 6 ލަނޑެވެ.
ދެވަނަ ހާފު ފެށިގެން 9 ވަނަ މިނިޓުގައި ގަރަބަގްގެ އެލްވިން ކަފަގުލިޔޭވް ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ 72 ވަނަ މިނިޓުގައި ނިއުކާސަލްގެ ޖެކޮބް މާފީ ވަނީ އެ ޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މި މޮޅާއެކު ނިއުކާސަލް އަށް ވަނީ ކުރިއަށް ދިއުމުގެ ބޮޑު އުއްމީދެއް ލިބިފަ އެވެ.
މި ދެ ޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ނިއުކާސަލްގެ އަމިއްލަ ދަނޑު ކަމަށްވާ ސެއިންޓް ޖޭމްސް ޕާކްގަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




