ކުޅިވަރުގައި ލިބެމުންދާ ކާމިޔާބީތައް ދެމެހެއްޓޭނީ ވަރަށް ގިނަ ކަންކަން ކޮށްގެން: ވަޒީރު ރާފިއު

ކުޅިވަރުގައި ލިބެމުންދާ ކާމިޔާބީތައް ދެމެހެއްޓޭނީ ވަރަށް ގިނަ ކަންކަން ކޮށްގެންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ގައުމީ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވުމުނެވެ.

އެގޮތުން، ކާމިޔާބީގެ އެންމެ މުހިންމު އެއްކަމަކީ ލިބޭ ކަމިޔާބީ ނުވަތަ އެއްފެންވަރެއްގައި ޓީމުގެ ކުޅުން ހިފެހެއްޓުންކަމަށާއި ކުޅިވަރުގައި އެހެން ހަރުފަތަކަށް ދިޔުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ މިކަންކަން ފުރިހަމަވެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެންމެ މުހިންމު ކަމަކީ ލިބުނު ކާމިޔާބީގެ ފޮނި ހަނދާންތައް ދެމެހެއްޓޭނެ ގޮތެއްގައި މަސައްކަތްކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ކުރިއަށް އަޅުގަނޑުމެންގެ އަރަމުންދާ ތަރިން ނުވަތަ ޔަންގް ޕްލެޔަރުން، އެ ކުދިންގެ ކުރިއަށް ދިޔުމަށް ހިތްވަރުދީ، އިތުރު ފުރުސަތުތައް ހޯދައިދީ، އެކަން ފުޓްބޯޅައިގެ ތެރެއިން އިތުރު ހަރުފަތަކަށް ކުރިއަށްގެންދިޔުން، މިހާރު އޮތް ޓީމަށްވެސް އިތުރު ފުރުސަތުތައް ހޯދައިދިނުން އޭގެތެރޭގައި ހިމެނޭ." ރާފިޢު ވިދާޅުވިއެވެ.

މީގެ އިތުރުން، ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅުން ބަދިހިކޮށްގެން ނޫންގޮތަކަށް ދާން ބޭނުންވާ މިސްރާބަށް ނުދެވޭނެކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޓީމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑު ބާރަކަށް ވެގެންދާނީ ޓީމުގެ ފަހަތުގައި މެނޭޖުކުރުމަށް އޮންނަ ޓީމުގެ ދައުރު ބޮޑުވުންކަންކަމަށެވެ. އަދި ސައުތު އޭޝިއަން ސުޕަ ކަޕުގައި ދިވެހި ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ ބާރު ފުރިހަމައަށް ފެނިގެންދިޔަ ކަމަށާއި ދިވެހި ސަޕޯޓަރުން ދެއްކި ތަފާތު ސަޕޯޓަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.

ސައުތު އޭޝިޔަން ސުޕަ ކަޕަކީ އެންމެ ފުރަތަމަ ހަތަރު ގައުމުގެ މެދުގައި ކުޅެން ރޭވި މުބާރާތެކެވެ. އެކަމަކު ފަހު ވަގުތު ބަންގްލަދޭޝާއި ބޫޓާނުން ވާދަނުކުރަން ނިންމުމުން، ލަންކާ ފެޑެރޭޝަނުން ނިންމީ ރާއްޖެ އާއި ލަންކާއާ ދެމެދު ދެ މެޗު ކުޅުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް