ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ "އަރުމޭނިއަން ޔޫތް އޯޕަން 2025" ގެ ތިން ކެޓަގަރީއެއްގައި ވާދަކޮށް ތިން ރަން މެޑެލް ހާސިލުކުރި ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހްލޫޕް ރާއްޖެ އައުމުން ހޫނު މަރްހަބާއެއް ކިޔައިފިއެވެ.
އެގޮތުން ލައިބާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރިޔާޒު އާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހުމަދު މުންތަގިމް (މުންތޭ) އެވެ.
ސްޓޭޓް މިނިސްޓަރ ރިޔާޒް ވިދާޅުވީ ލައިބާ މި ގެނެސްދިން ރަން މެޑަލްތަކަކީ ރާއްޖެ ފަހުރުވެރިވާ ކަމެއް ކަމަށާއި، ކުޅިވަރު ވުޒާރާއިން ލައިބާގެ ކުރިއެރުމަށް ހިތްވަރު ދެއްވާކަމަށެވެ.
މި ކާމިޔާބާ ގުޅިގެން ލައިބާ ބުނީ މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމަށާއި، އަބަދުވެސް މުބާރާތްތަކަށް ދަނީ ރަން މެޑައްޔަކަށް އުންމީދުކޮށްގެން ކަމަށާއި މި ކާމިޔާބީ ސަރުކާރުން ފާހަގަ ކުރެއްވީތީ ވަރަށް އުވާފާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިއްޖެކަމަށްވެސް ލައިބާ ބުނެފައިވެއެވެ.
މިވަގުތު ރާއްޖޭގައި ހުރި 13 އަހަރުން ދަށުގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ކަމަށްވާ ލައިބާ ވަނީ މީގެ ކުރިން ވެސް ބައިނަލްއަޤްވާމީ މުބާރާތްތަކުން މެޑަލް ހޯދާފައެވެ. މިގޮތުން މިދިޔަ އަހަރު ބޭއްވި އަރްމީނިއަން ޔޫތު އޯޕަންގައި އެއް ރިހި މެޑެލް އާއި ލޯ މެޑެއްޔެއް ހޯދިއެވެ. އަދި މިދިޔަ އޭޕްރީލް މަހު ބޭއްވި އިޓަލީ މުބާރާތުން ދެ ބްރޯންޒް މެޑެލް ހާސިލްކުރިއެވެ.
ލައިބާ އަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގައި ހިމެނޭ އެތުލީޓެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް