ލީގު ކަޕް ފުޓްބޯޅަ މުބާރާތަކީ ދިވެހި ފުޓްބޯޅަ ހުއްޓިފައި އޮއްވައި ފަށާ، ދިވެހި ފުޓްބޯޅައަށް މުހިންމު މުބާރާތެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްޓިންގ ޓެކްނިކަލް ޑައިރެކްޓަރ އަޙްމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.
ޝާކިރު މިހެން ވިދާޅުވީ، "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ. އެގޮތުން، ލީގުކަޕް މުބާާރާތަކީ، ކުޅިވަރާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށާއި، މުބާރާތަކީ ދިވެހި ފުޓްބޯޅައަށް ބޮޑެތި ފައިދާތަކެއް ކުރާނެ މުބާރާތެއްގެގޮތުގައި ޝާކިރު ވަނީ ސިފަކޮށްފައެވެ.
ޝާކިރު ބުނީ، ލީގު ކަޕުގެ ބާއްވަން ނިންމި އަނެއް ބޭނުމަކީ މިހާރު ދުވަހު ފުޓްބޯޅަ ނުކުޅެ ދިޔައީމަ އަލުން ފުޓްބޯޅަ ކުޅެން ފެށުން ކަމަށާއި، މި މުބާރާތަށް ކުޅިވަރާ ބެހޭ ވުޒާރާއާ ވަކިން ޚާއްސަކޮށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.
"މީހަމަ މިނިސްޓްރީ ސައިޑުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެއްކޮށް ކުރިޔަށްދާ މުބާރާތެއް. ދެން ހަމަ އެފްއޭއެމްއާއި އެއްވަރަށް މިނިސްޓްރީންވެސް މުބާރާތަށް އެހީތެރިވެދޭ. ދެން ހަމަ މިނިސްޓްރީގެ އެހެން މުބާރާތްތަކަށްވުރެ ބޮޑަށްއެއްބާރުލުން ލިބިގެން ކުރިޔަށް މިދަނީ" ޝާކިރު ބުންޏެވެ.
ލީގު ކަޕް ފެށުމުގެ ރަސްމިއްޔާތު ބާއްވާނީ އާދިއްތަ ދުވަހުގެރޭ ގަލޮޅު ދަނޑުގައިކަމަށްވާއިރު، މި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ 3 ޓީމާއި ދެވަނަ ޑިވިޝަނުގެ 2 ޓީމެއް ވާދަކުރެއެވެ. އެގޮތުން، މުބާރާތް ހުޅުވާ މެޗުގައި އެރޭ 21:00 ގައި ދަނޑަށް ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބެވެ.
މި މުބާރާތުގައި ވާދަކުރާ ކުލަބުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި އދ. މަހިބަދޫ ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ ހުރިހާ މެޗަކަށްވެސް ހިލޭ ސަޕޯޓަރުންނަށް ވަދެވޭގޮތަށް ކުރިއަށް ގެންދަން ރާވާފައިވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މެއި 28 ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް